ފީފާގެ ބޭން އުވާލުމަށް ނޭޕާލުން އެތެރޭގެ ހުރަސްތައް ނައްތާލައިފި
ލިޔުންތެރިޔާ
ނޭޕާލްގެ އެޑިއުކޭޝަން އެންޑް ސްޕޯޓްސް މިނިސްޓަރު ސަސްމިތު ޕޮހަރެލް: ފީފާގެ ސަސްޕެންޝަން އުވާލުމަށް އެ ގައުމުގެ ސަރުކާރުން ކުރާ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ އޭނާ. -- ފޮޓޯ/ ސޯޝަލްމީޑިއާ
ފަސް މަސް ދުވަސް ވެފައިވާ ފީފާގެ ސަސްޕެންޝަން ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން، ނޭޕާލްގެ ކުޅިވަރު ކައުންސިލުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް އަޅާފައިވާ އިދާރީ އަދި މާލީ ފިޔަވަޅުތައް އުވާލައިފި އެވެ.
ނޭޕާލްގެ ނޭޝަނަލް ސްޕޯޓްސް ކައުންސިލް (އެންއެސްސީ) އިން މިއަދު ހާމަކުރި ގޮތުގައި، އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) އާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅެއް އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ އުވާލައިފަ އެވެ. އަދި މި ނިންމުން އެ ގައުމުގެ ސަރުކާރަށާއި، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ އިތުރުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ރަސްމީކޮށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ނަމަވެސް، ސަރުކާރުގެ ނުފޫޒު ފުޓްބޯޅައިގެ ތެރެއަށް ވަނުމާ ގުޅިގެން ޖޫން 24 ވަނަ ދުވަހު ފީފާއިން އެޅި ބައިނަލްއަގުވާމީ ސަސްޕެންޝަން އުވާލެވޭނީ، ފީފާއިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެއްޖެކަން ޒިއުރިކްގައި ހުންނަ ފީފާގެ މައި އިދާރާއިން ރަސްމީކޮށް ކަށަވަރުކޮށްދިނުމުންނެވެ.
މި ނިންމުން އައިސްފައިވަނީ، އޭއެފްސީ އެވޯޑްސް 2026 ގެތެރެއިން ނޭޕާލްގެ އެޑިއުކޭޝަން އެންޑް ސްޕޯޓްސް މިނިސްޓަރު ސަސްމިތު ޕޮހަރެލް، ފީފާ އަދި އޭއެފްސީގެ އިސްވެރިންނާއެކު ތައިލެންޑުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
މީގެ އިތުރުން، ފަސްވެފައިވާ 2026–2030 ވަނަ ދައުރުގެ އިންތިހާބާ މެދު ގޮތެއް ނިންމުމަށް އަންފާއިން ވަނީ އަންނަ ހޮނިހިރު ދުވަހު ކުއްލި އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ނިންމައިފަ އެވެ.
ފީފާއިން ޖޫން މަހު ނޭޕާލް ސަސްޕެންޑް ކުރީ، އަންފާގެ ހިންގުމާއި އިންތިހާބުގެ ކަންކަމުގެ ތެރެއަށް އެންއެސްސީން ވަނުމާ ގުޅިގެންނެވެ. އެއީ މެންބަރު އެސޯސިއޭޝަންތަކުން ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ކަންކަން ހިންގަންޖެހޭނެ ކަމަށް ފީފާގެ އަސާސީ ގަވާއިދުގައި ބުނާ މާއްދާތަކާ ހިލާފު އަމަލެކެވެ.
މި ސަސްޕެންޝަންގެ ސަބަބުން ނޭޕާލްގެ ގައުމީ ޓީމުތަކާއި ކްލަބްތަކަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި، ފީފާއިން ދެމުންއައި ތަރައްގީގެ ފަންޑުތައް ވަނީ ހިފެހެއްޓިފައެވެ.
ސަސްޕެންޝަން އުވާލުމަށް ފީފާއިން ޝަރުތުކޮށްފައިވާ ކަންކަމަކީ:
އަންފާއާ ދެކޮޅަށް ސަރުކާރާއި ކުޅިވަރު ކައުންސިލުން ނެރެފައިވާ ހުރިހާ އަމުރުތަކެއް އެއްކޮށް އުވާލުން.
އަންފާގެ އެގްޒެކެޓިވް ކޮމިޓީ އަލުން އިޔާދަކޮށް، އެ އިދާރާގެ މިނިވަންކަން ކަށަވަރުކޮށްދިނުން.
ފީފާގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުން.
މިއަދު އެންއެސްސީން ނިންމި ނިންމުމާއެކު އެތެރޭގެ މާލީ އަދި އިދާރީ ހުރަސްތައް ނިމުމަކަށް އައި ނަމަވެސް، ބައިނަލްއަގުވާމީ މައިދާނަށް ނޭޕާލަށް އަލުން ނުކުމެވޭނީ ފީފާ ކައުންސިލުން މި މައްސަލަ ރަސްމީކޮށް މުރާޖަކޮށް ގޮތެއް ނިންމުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް