މި މަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކަ އަކަށް ވުރެ މައްޗަށް
ލިޔުންތެރިޔާ
ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް.
މި ހިނގާ ނޮވެމްބަރު މަހުގެ މިހާތަނަށް ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު، 100،000 (އެއް ލައްކަ) އަށް ވުރެ މަތިވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ނޮވެމްބަރު މަހުގެ މިހާތަނަށް ރާއްޖެ އަށް ވަނީ 103،778 ފަތުރުވެރިން ޒިޔާރަތް ކޮށްފައި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ އަށް 110،137 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއަހަރު މި ވަނީ އެ އަދަދު ދަށްވެފައި އެވެ.
މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޖުމުލަ ފަތުރުވެރިންގެ އަދަދު ވަނީ 1.90 މިލިއަނަށް އަރައިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 1.96 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއިރު، މިއަހަރުގެ މިހާތަނަށް ޖުމުލަ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ދަށްވެފައި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރީ ޗައިނާ އިންނެވެ. އެ ޤައުމުން ވަނީ، 342،376 ފަތުރުވެރިން ޒިޔާރަތް ކޮށްފައި އެވެ. ދެ ވަނައިގައި އޮތް ރަޝިޔާ އިން ވަނީ، 272،052 ފަތުރުވެރިން ޒިޔާރަތް ކޮށްފައި އެވެ. އަދި ތިން ވަަނައިގައި އޮތް އިނގިރޭސިވިލާތުން ވަނީ 145،464 ފަތުރުވެރިން ޒިޔާރަތް ކޮށްފައި އެވެ.
ލިސްޓުގެ ހަތަރު ވަަނައިގައި 129،609 ފަތުރުވެރިންނާ އެކު ޖަރުމަނު އޮތްއިރު، ފަސް ވަނައިގައި އިޓަލީ އޮތީ 111،847 ފަތުރުވެރިންނާއެކު އެވެ.
ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަަދު މިއަހަރު މަދު ވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ކުރިން ވެސް އަންދާޒާ ކޮށްފައި އެވެ. އެއީ މިއަހަރުގެ ފެބްރުވަރީ މަހުގެ ފަހު ކޮޅު މެދު އިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން، ގިނަ ފްލައިޓު ތަކެއް ކެންސަލްވެ، ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަަދަދު މަދުވާން ފެށުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް