މިނިސްޓަރު ސައީދު، ޕާކިސްތާންގެ ކޮމާސް މިނިސްޓަރާއި މެރިޓައިމް މިނިސްޓަރާ ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
ޕާކިސްތާންގެ ކޮމާސް މިނިސްޓަރާއި މެރިޓައިމް މިނިސްޓަރާއެކު، މިނިސްޓަރު ސައީދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، ޕާކިސްތާންގެ ފެޑަރަލް މިނިސްޓާ ފޯ ކޮމާސް ޖާމް ކަމާލް ޚާން އަދި ފެޑަރަލް މިނިސްޓާ ފޯ މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީއާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުމުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމްގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކެޕްޓަން މުޙައްމަދު ޝަފީޤު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި އެ ބައްދަލު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮތް ވިޔަފާރި އާއި އިޤްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ނުވަތަ ދޭދޭ ގުޅުންތައް މިހާރަށް ވުރެ ބޮޑަށް ބަދަހިކުރުމާ ގުޅޭ ގޮތުންނެވެ. މި ބައްދަލު ކުރެއްވުން އޮތީ އޮންލައިން ކޮށެވެ.
މި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ޕާކިސްތާންގެ ކޮމާސް މިނިސްޓަރު ޖާމް ކަމާލް ޚާން އަދި މެރިޓައިމް އެފެއާޒް މިނިސްޓަރު މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީ އާއެކު ބުދަ ދުވަހުގެ ހެނދުނު ބޭއްވެވި ބައްދަލު ކުރެއްވުމަކީ ވަރަށް ގާތް އަދި އުފެއްދުންތެރި ބައްދަލު ކުރެއްވުމެއް ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެވޭނެ ގޮތްތަކާއި، ދެ ޤައުމުގެ އިޤްތިސާދީ ގުޅުން ފުންކުރުމަށް ހުރި ގިނަގުނަ ފުރުސަތު ތަކުގެ ބޭނުން ހިފުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ވެސް މިނިސްޓަރު ސައީދު ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް