އިހަވަންދިއްޕޮޅުގެ މަޝްރޫއަކީ، ވިޜަން 2040 ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭނެ ކަމެއް: މިނިސްޓަރު ސައީދު
ލިޔުންތެރިޔާ
ކެބިނެޓުގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު.
އިހަވަންދިއްޕޮޅުގައި ކުރިއަށްގެންދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް މަޝްރޫއަކީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިޜަން 2040 ހަގީގަތަކަށް ހެދުމަށް އެހީތެރިވެދާނެ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައި ވަނީ، އިހަވަންދިއްޕޮޅުގައި ކުރިއަށްގެންދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި، ޝާހު ގުރޫޕާ އެކު އެއްބަސްވުމުގައި ސޮއި ކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެ ޕޯސްޓުގައި މިނިސްޓަރު ސައީދު ވިދާޅުވީ، އިހަވަަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ކުރިއަށް ގެންދިޔުމަށްޓަކައި، ޝާހު ގުރޫޕު އަދި އެސްޓީއޯ އާއެކު ތްރީ-ޕާޓީ އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މީގެ އިތުރުން އެ އެއްބަސްވުމަކީ، ރާއްޖޭގެ އުތުރުގެ ސަރަހައްދު އިޤްތިސާދީ މައި ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ މެނިފެސްޓޯގެ ވައުދު ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއީ އިޤްތިސާދު ސިންދަފާތު ކުރުމަށާއި، ރާއްޖޭގައި އިސްތިރާޖީ އައު ސިނާއަތްތައް އުފެއްދުމަށް އެމަނިކުފާނު ގެންގުޅުއްވާ "ވިޜަން 2040" އެޖެންޑާ ހާސިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެ ޕޯސްޓުގައި މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވެފައި ވަނީ، ބައިނަލްއަޤްވާމީ ކަނޑު ދަތުރު ފަތުރުގެ މައި މަގުތަކުގައި، ޚާއްސަކޮށް އަށް ޑިގްރީ ޗެނަލްއާ ކައިރީގައި ރާއްޖެ އޮތުމަކީ ޖިއޮގްރަފީ ގޮތުން ލިބިފައިވާ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފައި، މިއީ އިޤްތިސާދީ ގޮތުން ފާހަގަ ކޮށްލެވޭ ފަހި ފުރުސަތު ތަކަކަށް ހަދަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ދެން އެންމެ އިސްކަމެއް ދޭނީ، މަސައްކަތްތައް އަމަލީ ގޮތުން ތަންފީޒު ކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި އެވެ. އަދި މިއީ ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ކަނޑުގެ ވިޔަފާރީގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް އެޅޭ ބިންގަލެއް ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މިއީ އިޤްތިސާދު ސިންދަފާތުވެފައިވާ، ތަނަވަސް ރާއްޖެއެއް ބިނާކުރުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ "ވިޜަން 2040" ހަޤީޤަތަކަށް ހެދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް