Article Top
ކުޅިވަރު •

އެމްއެސް މޭޓްސް ކުޅުން ރަނގަޅުކުރި އިރު، ނިއު ރޭޑިއަންޓަށް އުނދަގޫ މޮޅެއް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެމްއެސް މޭޓްސް ކުޅުން ރަނގަޅުކުރި އިރު، ނިއު ރޭޑިއަންޓަށް އުނދަގޫ މޮޅެއް

އެމްއެސް މޭޓްސް އާއި ނިއު ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް ވިމެންސް ލީގު 2026 ގައި ރޭ ކުޅުނު މެޗުގައި، ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ތިން ތަރިންގެ މޮޅު ކުޅުމާއެކު އެމްއެސް މޭޓްސް އަތުން 3-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

މުބާރާތުގައި ނިއު ރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ކޮޅަށް 15 ގޯލު ޖަހައި އެ ޓީމުގެ އެޓޭކް ވަރުގަދަކަން ދައްކާލައިފަ އެވެ. އަދި އެމްއެސް މޭޓްސް ވަނީ ފުރަތަމަ މެޗުގައި މާޒިޔާ އަތުން 8-0 އިން ބަލިވެފަ އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ވިމެންސް ލީގުގައި ވާދަކުރި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބިސް ބުރު ސްޕޯޓްސް ކްލަބަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ އެމްއެސް މޭޓްސް އިން ރޭގެ މެޗުގައި ވަނީ ނިއު ރޭޑިއަންޓް ހުއްޓުވުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

މި އަހަރުގެ ލީގުގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން އަންހެން ހެޑް ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅޭ ހަމައެކަނި ޓީމަކީ އެމްއެސް މޭޓްސް އެވެ. އެ ޓީމުގެ ކޯޗު އާމިނަތު ސިޔާނާ އަކީ މިދިޔަ އަހަރު ވިމެންސް ލީގުގައި ވިކްޓަރީ އަށް އިރުޝާދުދިން ކޯޗެވެ. އަދި އޭނާ އަކީ މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ބިސް ބުރު ސްޕޯޓްސް ކްލަބްގެ ކޯޗިން ޓީމުގައިވެސް ހިމެނޭ ކޯޗެކެވެ. އަނެއްކޮޅުން ނިއު ރޭޑިއަންޓަށް މި ފަހަރުވެސް އިރުޝާދުދެނީ މިދިޔަ އަހަރުވެސް އެ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި މަސައްކަތްކުރި ތަޖުރިބާކާރު ކޯޗު އިސްމާއިލް އަނިލް އެވެ.

ހެންވޭރު ދަނޑުގައި ރޭ ކުޅުނު މެޗުގައި ނިއު ރޭޑިއަންޓްގެ ފުރަތަމަ ދެ ގޯލު ޖަހައިދިނީ ބަންގްލަދޭޝްގެ ދެ ކުޅުންތެރިންނެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ޑިފެންޑަރު މަސޫރާ ޕަރްވީން ނިއު ރޭޑިއަންޓަށް ލީޑު ނަގައިދިންއިރު، 26 ވަނަ މިނެޓުގައި ސަބީނާ ހާތޫން ތަނަވަސްކޮށްދިން ފުރުސަތަކުން ދެވަނަ ގޯލު ކާމިޔާބުކުރީ ސުމައްޔާ މަޓްސުޝީމާ އެވެ.

ދެވަނަ ހާފުގައި ނިއު ރޭޑިއަންޓްގެ ތިންވަނަ ގޯލު 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން މައީޝާ އަބްދުލް ހަންނާނެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ސުމައްޔާއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނިއު ރޭޑިއަންޓްގެ ފޯވާޑް ސަބީނާ ހާތޫން އެވެ.

މި އަހަރުގެ ލީގުގައި ނިއު ރޭޑިއަންޓުން ވާދަކުރަމުން އަންނަނީ ބަންގްލަދޭޝްގެ އަންހެން ފުޓްބޯޅަ އަދި ފުޓްސަލްގައި ފާހަގަކޮށްލެވޭ މޮޅު ތިން ކުޅުންތެރިންނާ އެކުގަ އެވެ. އެއީ ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އެ ގައުމުގެ ތާރީހުގައި އެންމެ ގިނަ އިންޓަނޭޝަނަލް ގޯލު ޖެހި ސަބީނާ ހާތޫން އާއި، ޖަޕާނަށް އުފަން ބަންގްލަދޭޝް ފޯވާޑް ސުމައްޔާ މަޓްސުޝީމާގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު މަސޫރާ ޕަރްވީނެވެ. މި ތިން ކުޅުންތެރިންނަކީ މި އަހަރު ބަންގްލަދޭޝް އިން ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ.

މީގެ ތެރެއިން ސަބީނާ އާއި ސުމައްޔާ އަކީ ދިވެހި ކުޅިވަރު ސަޕޯޓަރުންނަށް އާ ދެ ނަމެއް ނޫނެވެ. މި ދެ ކުޅުންތެރިން ވަނީ މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ކުޅެފަ އެވެ.

މި މޮޅާއެކު ނިއު ރޭޑިއަންޓް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން 6 ޕޮއިންޓާއި، ފައިދާ 18 ގޯލާއެކު އެވެ. ދެވަނައިގައި އޮތް މާޒިޔާ އަށްވެސް ދެ މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ލިބެނީ ފައިދާ 17 ގޯލެވެ. މާޒިޔާ އާއި ނިއު ކޮޅަށް އަދި ގޯލެއް ނުވަދެ އެވެ. ލީގުގައި ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ މާޒިޔާ އާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް