Article Top
ޚަބަރު •

ޒުވާނުން ބާރުވެރިކުރުމަށް 4،061 ޒުވާނަކަށް ލޯނު ފެސިލިޓީ ހަމަޖައްސައިދީފިން: ރައީސް މުޢިއްޒު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޒުވާނުން ބާރުވެރިކުރުމަށް 4،061 ޒުވާނަކަށް ލޯނު ފެސިލިޓީ ހަމަޖައްސައިދީފިން: ރައީސް މުޢިއްޒު

ރައީސް ޑރ. މުއިއްޒު ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ---

ޒުވާނުން ބާރުވެރިކުރުވައި އިޤްތިޞާދީ ގޮތުން ކުރިއަރައިދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން 4،061 ޒުވާނަކަށް ލޯނު ފެސިލިޓީ ހަމަޖައްސައިދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެކި ދާއިރާތަކުން ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭކަން ވަނީ ފާހަގަކުރައްވާފައެވެ.

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން އަމިއްލަ މަސައްކަތްކުރާ ޒުވާނުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ޚާއްޞަ ލުއި ލޯނު ސްކީމްތަކެއް ތަޢާރަފުކޮށް ހިންގަމުންނެވެ. މި ފުރުޞަތުތަކުގެ ސަބަބުން ގިނަ ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ، އާމްދަނީ ހޯދުމުގެ މަގުތައް ވަނީ ތަނަވަސްވެފައެވެ.

ރައީސް ވަނީ ޒުވާނުންގެ ހަށިހެޔޮ އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ އެކަށީގެންވާ ފުރުސަތުތަކާއި ވަސީލަތްތައް ފަހިކޮށްދިނުމަށް މުޅި ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ފެށިގެން ކުރިއަށްދާކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ ޚާއްސަ އިސްކަމެއް ދެއްވާ އެއް ދާއިރާ ކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޒުވާނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ފެށިފައިވާ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނާގެ ދިރިއުޅުމުގެ އެތައް ހާލަތަކާ ގުޅިފައިވާ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހި ޒުވާނުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން، ޒުވާނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވައި ވިޔަފާރީގެ ދާއިރާއަށް ނެރުމަށްޓަކައި ލޯނު ސްކީމްތައް ތަޢާރަފުކުރުމާއި، އަމިއްލަ ވިޔަފާރިތަކުގައި ޒުވާނުންގެ ދައުރު ފުޅާކޮށް އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ޒުވާނުންގެ ވަޒީފާތަކަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް