Article Top
ކުޅިވަރު •

ނައިޖީރިއާ ފޯވާޑްގެ ގޯލުތަކާ އެކު މާޒިޔާ އަށް ބޮޑު މޮޅެއް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ނައިޖީރިއާ ފޯވާޑްގެ ގޯލުތަކާ އެކު މާޒިޔާ އަށް ބޮޑު މޮޅެއް

މާޒިޔާއަށް ކުޅޭ ނައިޖީރިއާ ފޯވާޑް ޗިނޮންޔެރެމް މެކްލީންސް -- ފޮޓޯ/އެފްއޭއެމް

އެފްއޭއެމް ވިމެންސް ލީގު 2026 ގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، މާޒިޔާގެ ބިދޭސީ ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެ ޓީމު މޮޅުވެއްޖެ އެވެ.

ހަތަރު ޓީމާއެކު ކުރިއަށްދާ މި އަހަރުގެ ވިމެންސް ލީގުގައި މާޒިޔާ އިން ނުކުތީ ވަރުގަދަ ބިދޭސީ ކުޅުންތެރިންތަކަކާއެކު ތަށި ދިފާއުކުރުމުގެ އަޒުމުގަ އެވެ. އެގޮތުން މާޒިޔާގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި ނައިޖީރިއާގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް ޗިނޮންޔެރެމް މެކްލީންސް ވަނީ ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

އުމުރުން 27 އަހަރުގެ ޗިނޮންޔެރެމް ވަނީ 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ވާދަކުރި ނައިޖީރިއާ ޓީމުގައި ހިމެނިފަ އެވެ. އަދި އޭނާ ވަނީ 2022 ވަނަ އަހަރުގެ ވިމެންސް އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ނައިޖީރިއާ ތަމްސީލުކޮށްފަ އެވެ. އޭނާ އަކީ ޕޮލެންޑް، ރަޝިއާ އަދި ސައުދީ އަރަބިއްޔާގެ ބޮޑެތި ކްލަބްތަކަށް ކުޅެ، 2022 ގައި ޕޮލެންޑް ލީގުގެ ޓޮޕް ސްކޯރާ ވެސް ހޯދާފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

މި މެޗުގައި މާޒިޔާ އިން ޖެހި 9 ގޯލުގެ ތެރެއިން 8 ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތިން ބިދޭސީ ކުޅުންތެރިންނެވެ. ޗިނޮންޔެރެމްގެ ހަތަރު ގޯލުގެ އިތުރުން، އުޒްބެކިސްތާނުގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ރުޝާނިޔާ ސަފީނާ އާއި ޑިފެންޑަރު މުނީސާ ގިޔާސޯވާ ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖަހާފައެވެ. މުނީސާގެ އިތުރުން މިދިޔަ އަހަރު ވިކްޓަރީއަށް ކުޅެ މޮޅު ކުޅުމެއް ދެއްކި ރުޝާނިޔާ ވަނީ މި އަހަރުގެ ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައިވެސް ގޯލު ޖަހައިފަ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓުގައި ޝަހުލާ ތައުފީހު ދިން ޕާހަކުން ޗިނޮންޔެރެމް މާޒިޔާއަށް ލީޑު ނަގައިދިންއިރު، އޭޣެ ފަހުން ރުޝާނިޔާގެ އެހީތެރިކަމާއެކު މުނީސާ ވަނީ ދެވަނަ ގޯލު ޖަހައިފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރުޝާނިޔާ ތަނަވަސްކޮށްދިން ފުރުސަތަކުން ޗިނޮންޔެރެމް އިތުރު ގޯލެއް ޖަހައި ވަނީ ތިން ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ރުޝާނިޔާގެ ޕާހަކުން ޗިނޮންޔެރެމް އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، އޭގެ ދެ މިނެޓު ފަހުން ފާތިމަތު ފައިހާ އަލީ ހަސަން ވަނީ މާޒިޔާގެ ފަސްވަނަ ގޯލު ޖަހާފައެވެ. އޭގެ ފަހުން މުނީސާ އޭނާގެ ދެވަނަ ގޯލު ޖެހިއިރު، މި ދެ ގޯލު ޖަހަން ވެސް އެހީވީ ރުޝާނިޔާ އެވެ. އޭގެ ފަހުން ޗިނޮންޔެރެމް ވަނީ އޭނާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ.

މެޗުގައި ހަތަރު ގޯލު ޖަހަން އެހީތެރިވެދިން ރުޝާނިޔާ ވަނީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ދެ ގޯލު ޖަހައި ނަތީޖާ އިތުރަށް ފުޅާކޮށްދީފަ އެވެ. އޭނާގެ ފުރަތަމަ ގޯލު ހައްވާ ހަނީފާ ދިން ޕާހަކުން ކާމިޔާބުކުރިއިރު، ޓީމުގެ ނުވަވަނަ ގޯލު އޭނާ ޖެހީ މެޗުގެ އެނެމް ފަހު މިނިޓުގަ އެވެ.

މި މޮޅާއެކު މާޒިޔާ އިން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް މޮޅުވެފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް