ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އައްޔަން ކުރަން ކޮމެޓީ އިން ރުހުން ދީފި
ލިޔުންތެރިޔާ
ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖުޑިޝަރީ ކޮމެޓީ އިން ރުހުން ދިން ސަމީރު.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަޤާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ރުހުން ދީފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އައްޔަން ކުރެއްވުމަށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ބުދަ ދުވަހު އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ބުދަ ދުވަހު ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އައްޔަން ކުރެއްވުމަށް ރުހުން ދީފައި އެވެ.
ބުދަ ދުވަހު އޮތް ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު އެވެ. އަދި ކޮމެޓީ އަށް ހާޒިރުވެ ތިބި މެމްބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްކޮށްފައި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވަނީ، އެ ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ފަނޑިޔާރު އަލްއުސްތާޛް އަލީ ރަޝީދު ރިޓަޔާ ކުރައްވަން ނިންމެވުމުންނެވެ. އަމިއްލަފުޅަށް ރިޓަޔާ ކުރައްވަން ފަނޑިޔާރު އަލީ ރަޝީދު ހުށަހަޅުއްވިއިރު، ޖޭއެސްސީ އިން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަލީ ރަޝީދު ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލި ފުރުސަތުގައި، އެ މަޤާމަށް ކުރިމަތިލެއްވީ ސަމީރުގެ އިތުރުން، ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުއް ރައޫފް އިބްރާހީމް އެވެ. ނަމަވެސް، ޖޭއެސްސީ އިން އިސްކަން ދީފައި ވަނީ ސަމީރު އަށެވެ. ސަމީރު އަކީ މީގެ ކުރިން 2011 ވަނަ އަހަރުން ފެށިގެން، 2022 ވަނަ އަހަރަށް ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ބޭފުޅެކެވެ.
ފަނޑިޔާރުކަމުން 2022 ވަނަ އަހަރު އިސްތިއުފާ ދެއްވި ފަހުން، ސަމީރު ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަޤާމު ވެސް އަދާކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް