Article Top
ޚަބަރު •

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު މާލެ އާއި ހުޅުމާލޭގައި ހުޅުވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު މާލެ އާއި ހުޅުމާލޭގައި ހުޅުވައިފި

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ.

ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޒިޔާރަތް ކުރެވޭނެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު މާލެ އާއި ހުޅުމާލޭ ފޭސް 1 ގައި ހުޅުވައިފި އެވެ.

މި ދެ ލައުންޖަކީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ޚިދުމަތް ދިނުމަށް ހުޅުވި ދެ ލައުންޖު ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ފަސޭހަ އިން ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވި ސީސީބީގެ މާލެ ލައުންޖް ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލްގައި އެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގެ ތިރީ ފަންގިފިލާގައި އެވެ. މި ލައުންޖުތަކުގެ ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް ލިބޭނެ އެވެ. އަދި ކައިރި މުސްތަޤުބަލެއްގައި ހުޅުމާލެ ފޭސް 2 ގައި ވެސް ސީސީބީގެ ލައުންޖެއް ހުޅުވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ މި އަހަރުގެ އެޕްރީލް 16 ވީ ބުރާސްފަތި ދުވަހު އެވެ. އެ އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމު ކުރެވުނު އޮފީހެކެވެ.

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން މިހާރު ވަނީ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްސަކުރެވިގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ވެބް ޕޯޓަލެއް އިފްތިތާހުކޮށް، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ޤާއިމު ކޮށްފައި އެވެ. ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް