ފަސްޓްލައިން މެނޭޖްމަންޓް ކޯސް – 17 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ލިޔުންތެރިޔާ
ފަސްޓްލައިން މެނޭޖްމަންޓް ކޯސް – 17 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ "ފަސްޓްލައިން މެނޭޖްމަންޓް ކޯސް – 17" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މި ކޯސް ނިންމުމަށް މި މަހު 16 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަދަން ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރަޝީދު އެވެ. އެ ރަސްމިއްޔާތުގައި، ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާ އާއި، ތ.އަތޮޅު ކޮމާންޑަރު އިންސްޕެކްޓާ އޮފް ޕޮލިސް އަޙްމަދު ޝިފާޢު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އޮކްޓޫބަރު 18 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 22 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތ.އަތޮޅުން ނުވަ ފުލުހުންނާއި، ލ.އަތޮޅުން 13 ފުލުހުންނެވެ. ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ސީނިއާ ސާޖަންޓް މުޙައްމަދު ރިޟްވާން އެވެ.
މި ކޯހުގައި "ލީޑާޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑާޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިން، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް" ގެ އިތުރުން ކޯހުގައި ކިޔަވައި ދެވުނު މޮޑިއުލްތައް ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިން އަދި ޕްރެޒެންޓޭޝަން ސްކިލްސް އާއި ކޮމިއުނިކޭޝަން ސްކިލްސް އުނގަންނައި ދީފައިވެ އެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި، ސައުތު ސެންޓްރަލް ޕޮލިސް ގުޅިގެން ލ.ގަމުގައި ހިންގި މި ކޯސް އަމާޒު ކޮށްފައި ވަނީ ލީޑާޝިޕް ގާބިލުކަން އިތުރު ކުރުމަށާއި، ސުޕަވައިޒަރީ ފެންވަރު މަތިކުރުމުގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް