Article Top
ޚަބަރު •

ބަންކަރިންގެ ޚިދުމަތުން ލިބޭ އާމްދަނީ އަހަރުން އަހަރަށް ދަނީ އިތުރުވަމުން: ޝިމާދު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބަންކަރިންގެ ޚިދުމަތުން ލިބޭ އާމްދަނީ އަހަރުން އަހަރަށް ދަނީ އިތުރުވަމުން: ޝިމާދު

ބަންކަރިންގެ ޚިދުމަށް ފެށުމަށް 2024 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ޝިމާދު ވާހަކަ ދައްކަވަނީ.

ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތުން ރާއްޖެ އަށް ލިބޭ އާމްދަނީ އަހަރުން އަހަރަށް އިތުރު ވަމުން އަންނަ ކަމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޝިމާދު މިހެން ވިދާޅުވެފައި ވަނީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، ދައުލަތުގެ މީޑިއާ އިން ގެނެސްދިން ހަފުތާ 156 ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފަށައި، އެ ޚިދުމަތް ދެމުން އަންނަނީ އެސްޓީއޯގެ ބެލުމުގެ ދަށުން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ޝިމާދު ވިދާޅުވީ، ބަންކަރިން އަކީ އެސްޓީއޯ އަށް ވަރަށް ބޮޑު އާމްދަނީއެއް ލިބެމުން އަންނަ މަސައްކަތެއް ކަމަށެވެ. އެކަމުގެ ސަބަބުން އެސްޓީއޯ އަށް އެތައް ފައިދާތަކެއް ވަމުން އަންނަކަން ފާހަގަ ކުރައްވައި ޝިމާދު ވިދާޅުވީ، މީގެ ކުރިން އެ ވިޔަފާރީގެ ފައިދާ ހޯދަމުން އައި ބޭރުގެ އެހެން ފަރާތްތަކުން ކަމަށެވެ.

އެހެން ނަމަވެސް، ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށުމާ އެކު، އެ ވިޔަފާރިން ލިބޭ ފައިސާ ވަންނަނީ ރާއްޖެ އަށް ކަމަށާއި، އެ ވިޔަފާާރިން ލިބޭ އާމްދަނީ އިތުރުވަމުން އަންނަ ކަމަށް ޝިމާދު ވިދާޅުވި އެވެ. އެއާއެކު ޝިމާދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ގާތް ގަނޑަކަށް 70 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް ލިބިފައިވާ ކަމަށެވެ.

ބަންކަރިން އަކީ ފައިދާވާ، އަދި އިތުރު އާމްދަނީ ލިބެމުން އަންނަ ޚިދުމަތެއްކަން ފާހަގަ ކުރައްވައި ޝިމާދު ވިދާޅުވީ، އެ ޚިދުމަތް އިތުރަށް ވެސް ފުޅާ ކުރަން ޖެހޭ ކަމަށެވެ.

ސަރުކާރުން ރާއްޖޭގައި ރަސްމީކޮށް ބަންކަރިންގެ ޚިދުމަތް ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް