ފުލުހުންނަށް ކުރިއަށް ގެންދިޔަ ދެ ކޯހެއްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ލިޔުންތެރިޔާ
ސްޕެޝަލް އޮޕަރޭޝަންސް ޓްރެއިނިން - ކޯސް 5 އަދި ޕަބްލިކް އޯޑާ ޓްރެއިނިން - ކޯސް 52 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ސްޕެޝަލް އޮޕަރޭޝަންސް ޓްރެއިނިން - ކޯސް 5 އަދި ޕަބްލިކް އޯޑާ ޓްރެއިނިން - ކޯސް 52 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ނޮވެމްބަރު 15 ވަނަ ދުވަހު އިސްކަންދަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްރޮފެޝަނަލް ސްޓޭޑާޑްސް ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ރަޝީދު އެވެ.
އެ ރަސްމިއްޔާތުގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު ޢަބްދުއް ރަޙްމާން އާއި، އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ދެ ކޯހުގެ ތެރެއިން ސްޕެޝަލް އޮޕަރޭޝަންސް ޓްރެއިނިންގައި، ނުރައްކާތެރި ހާލަތްތަކަށް އިޖާބަދިނުމަށް ބޭނުންވާ ފަންނީ ތަޖުރިބާ އާއި، އޮޕަރޭޝަނަލް ހާލަތްތަކުގައި ގޮތް ނިންމުމުގެ ހުނަރާ އަދި އޮޕަރޭޝަނަލް ރެޑިނެސް ބައިވެރިންގެ ކިބައިގައި އަށަގެންނެވުމަށް ހާއްސަ އިސްކަމެއް ދީފައިވެ އެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ދ.ވާނީގައި އެވެ.
ސެޕްޓެމްބަރު 15 އިން ފެށިގެން ހަތް ހަފުތާގެ މުއްދަތަށް، 35 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ ސްޕެޝަލް އޮޕަރޭޝަންސް ޓްރެއިނިން - ކޯސް 5 އިން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ސާޖަންޓް ޙުސައިން ސުނާހު އެވެ.
ޕަބްލިކް އޯޑާ ޓްރެއިނިން ކޯހުގައި ފުލުހުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގޮތުންނާއި، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ކިޔަވައި ދީފައިވެ އެވެ. އަދި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްވާ އެއްވުންތައް ރޫޅާލުމުގެ ހުނަރުތަށް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ދަސްކޮށްދީފައިވެ އެވެ. އޭގެ އިތުރުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ބޭނުންކުރާ އުކުޅުތައް ކިޔަވައިދީފައިވެ އެވެ.
ގްރޭޓާ މާލެ އޭރިއާގައި ޖުލައި 19 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް 42 ބައިވެރިންނާއެކު ކުރިއަށް ގެންދިިޔަ ޕަބްލިކް އޯޑާ ޓްރެއިނިން - ކޯސް 52 އިން އެންމެ މޮޅު ދަރިވަރުންނަށް ހޮވިފައިވަނީ ކޮންސްޓަބަލް ސާމީ ޝަރީފް އާއި، ކޮންސްޓަބަލް އާލިމް އާދަމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް