2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ މެދު އަންނަ އަހަރު ގޮތެއް ނިންމާނަން: ވޭންސް
ލިޔުންތެރިޔާ
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް.
2028 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނިންމަވާނީ "އަންނަ އަހަރުގެ ތެރޭގައި" ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ އަންނަ އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.
ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ވޭންސް ވަނީ، މި ނިންމުން ނިންމަވާނެ ވަކި ތާރީޚެއް ހާމަކުރެއްވުމަށް އިންކާރު ކުރައްވާފައި އެވެ. ނަމަވެސް، އެކަމުގައި ގޮތެއް ނިންމެވުމަށް އަވަސް އަރުވާލައްވަން ބޭނުންފުޅު ނުވާކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވާފައި އެވެ.
"އަދި ވަކި ގޮތެއް ނުނިންމަން. އަންނަ އަހަރުގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމާނަން،" ވޭންސް ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގެ ހޯސްޓް ލޯރާ އިންގްރަހަމް ތަކުރާރުކޮށް ސުވާލު ކުރުމުން ވޭންސް އިތުރަށް ވިދާޅުވީ، "އަޅުގަނޑު ގޮތެއް ނިންމުމުން، އެ ނިންމުމަކަށް ފުރިހަމަ އަށް އިލްތިޒާމްވާނަން،" ކަމަށެވެ.
ވޭންސް މިހެން ވިދާޅުވެފައި މިވަނީ، ދާދި ފަހުން ބޭއްވި މިޑްޓާމް އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރިޕަބްލިކަން ޕާޓީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ވޭންސް ދެން އަޅުއްވާނެ ފިޔަވަޅަކާ މެދު ގިނަ ބައެއްގެ ޝައުގުވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގައި އެވެ.
ބީބީސީއާ ވާހަކަ ދެއްކި ވޭންސްގެ އަރިސް ބޭފުޅުން ބުނި ގޮތުގައި، ނޮވެމްބަރު މަހުގެ އިންތިޚާބުގެ ނަތީޖާގެ ސަބަބުން 2028 ވަނަ އަހަރާ މެދު އޭނާ ގެންގުޅުއްވާ ވިސްނުމަކަށް ބަދަލެއް ނާދެ އެވެ. އޭނާ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް، އެންމެ ފަހުގެ ނިންމުން ނިންމެވުމަށް މަސްތަކެއް ވަންދެން މަޑުކުރައްވާނެ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެ އެވެ.
އެމެރިކާގެ ރައީސް ކަމަށް ވޭންސް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ގެންގުޅުއްވާ ކަމުގެ އަޑުތައް ފެތުރެން ފެށީ، 2024 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕްގެ ރަނިންމޭޓަކަށް އޭނާ ހަމަޖެއްސެވި ހިސާބުންނެވެ. އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ޒުވާން ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވޭންސް ބެލެވިފައިވަނީ، ޓްރަމްޕްގެ "މޭކް އެމެރިކާ ގްރޭޓް އެގެއިން" (މާގާ) ހަރަކާތުގެ އެންމެ ބޮޑު ވާރިސުގެ ގޮތުގައި އެވެ.
ނަމަވެސް، މަޤާމުގައި ހުންނެވި ދުވަސްވަރު ވޭންސް ވަނީ އޭނާގެ އަމިއްލަ ސިޔާސީ އުންމީދުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުން ވަރަށް ބޮޑަށް ދުރުހެލިވެ ވަޑައިގެންފައި އެވެ.
މިޑްޓާމް އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވެސް އޭނާ ގެންގުޅުއްވީ އެ ސިޔާސަތެވެ. އެ ދުވަސްވަރު ބޭއްވި އެކި އެއްވުންތަކުގައި ސަޕޯޓަރުން 2028 ގައި ވާދަކުރެއްވުމަށް އެދި ގޮވަމުން ދިޔައިރު ވެސް، ވޭންސް ދެއްވަމުން ގެންދެވި ޖަވާބަކީ ރިޕަބްލިކަން ޕާޓީ އިން މިވަގުތު ސަމާލުކަން ދޭންވީ ނޮވެމްބަރު މަހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށެވެ.
އެހެން ނަމަވެސް، މިޑްޓާމް އިންތިޚާބު ނިމި، 2026 ވަނަ އަހަރުގެ ބޮޑު ނާކާމިޔާބީ އަށް ފަހު ރިޕަބްލިކަން ޕާޓީ އިން ކުރިއަށް ދާން ބޭނުންވެފައިވާއިރު، ދެން އެންމެ އަވަހަށް އޮތް ބޮޑު އިންތިޚާބަކީ 2028 ވަނަ އަހަރުގެ ރިޔާސީ ރޭހެވެ.
ވޭންސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފި ނަމަ، ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި އެންމެ ކުރީގައި އުޅުއްވާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް، ގިނަ ކެންޑިޑޭޓުން ތަކެއް ވާދަކުރާނެ ކަމަށް ބެލެވޭ މި ރޭހަކީ ވަރަށް ވާދަވެރި ރޭހަކަށް ވާނެ އެވެ.
ރިޕަބްލިކަން ޕާޓީގެ ފާހަގަކޮށްލެވޭ އެހެން ބައެއް ބޭފުޅުން ވެސް އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައި އެވެ.
މީގެ ތެރޭގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ޓެކްސަސްގެ ސެނެޓަރު ޓެޑް ކްރޫޒް، ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސާންޓިސް އަދި ނިއު ޖާޒީގެ ކުރީގެ ގަވަރުނަރު ކްރިސް ކްރިސްޓީ ހިމެނިވަޑައިގަންނަވަ އެވެ.
ޓްރަމްޕް ވަނީ އެކި ފަހަރުމަތިން ވޭންސް އަދި ރޫބިއޯ އަށް ތައުރީފު ކުރައްވާފައި އެވެ. ނަމަވެސް، 2028 ގައި ތާއީދު ކުރައްވާނީ ކޮން ބޭފުޅަކަށް ކަމެއް ނުވަތަ އެއްވެސް ބޭފުޅަކަށް ތާއީދު ކުރައްވާނެ ކަމެއް އަދި ޔަޤީން ނޫން ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ.
"މަގާ" ހަރަކާތުގެ ސަޕޯޓަރުންގެ މެދުގައި ރައީސްގެ ތާއީދަކީ ވަރަށް ނުފޫޒުގަދަ އެއްޗެކެވެ. ނަމަވެސް، މިޑްޓާމް އިންތިޚާބުން ހާމަވީ ޓްރަމްޕްގެ ދެ ވަނަ ދައުރުގެ ސިޔާސަތުތަކާ މެދު އާންމުންގެ މެދުގައި ބޮޑު ނުރުހުމެއް އޮތް ކަމެވެ. މިއީ ޓްރަމްޕްގެ އެޖެންޑާއާ ގުޅިފައިވާ ވޭންސް ފަދަ ކެންޑިޑޭޓުންނަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.
އިންތިޚާބަށް ފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވޭންސް ވަނީ، މިޑްޓާމް އިންތިޚާބުގެ ނަތީޖާގެ ޒިންމާ އީރާން އާއެކު ކުރަމުންދާ ހަނގުރާމައިގެ ބޮލުގައި އަޅުއްވާފައި އެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ރިޕަބްލިކަން ޕާޓީގެ ވޯޓު އަލުން ހޯދުމަށްޓަކައި، ހަނގުރާމަ ހުއްޓާލައި އިޤްތިސާދަށް ސަމާލުކަން ދިނުމުގެ ޕްލޭނެއް ވެސް ހުށަހަޅުއްވާފައި އެވެ.
މި މެސެޖަކީ 2028 ވަނަ އަހަރުގެ އިންތިޚާބުގެ ކުރިން، ޓްރަމްޕްގެ ސިޔާސަތުތަކާ ކޮންމެ ވެސް ވަރަކަށް ދުރުހެލިވުމަށް ވޭންސް އެޅުއްވި ފުރަތަމަ ފިޔަވަޅު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ފޮކްސް ނިއުސްގެ އިންޓަވިއުގައި ވެންސް ވަނީ، ހަނގުރާމައިގެ ސަބަބުން "ސިޔާސީ ގޮތުން ގެއްލުންތަކެއް" ލިބުނު ކަމަށް އޭނާ ގަބޫލު ކުރައްވާ ވާހަކަ ތަކުރާރު ކުރައްވާފައި އެވެ. ނަމަވެސް، އޭގެ ސަބަބުން ޓްރަމްޕްއާ އޮތް ގުޅުމަށް އެއްވެސް ބުރޫއެއް ނާރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާން ހަނގުރާމައާ ގުޅޭ ގޮތުން ޓްރަމްޕް އާއި ސަރުކާރުގެ އިސްވެރިންގެ މެދުގައި އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތް ކަމަށް ވޭންސް ވިދާޅުވި އެވެ.
އަދި މި ހަނގުރާމަ އަކީ "އަބަދަށް ދެމިގެންދާނެ" ހަނގުރާމަ އަކަށް ވިޔަ ނުދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށާއި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލް އިން ފެށި މި ހަނގުރާމަ ދެ އަހަރު ދުވަހަށް ދެމިގެންދާން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވެސް ވޭންސް ވިދާޅުވި އެވެ.
މީގެ އިތުރުން، މިދިޔަ ހަފުތާގައި އެމެރިކާގެ ވައިގެ ދަތުރު ފަތުރަށް ދިމާވި ބޮޑު މައްސަލައާ ގުޅޭ ގޮތުން ވެސް ވޭންސް ވާހަކަ ދެއްކެވި އެވެ. އެ މައްސަލައިގެ ސަބަބުން އެތައް ގަޑިއިރަކަށް ދަތުރު ފަތުރު ހުއްޓުނުއިރު، ކޮންގްރެސްގެ މި ދައުރު ނިމުމުގެ ކުރިން އެކަން ހައްލު ކުރުމަށް އޭނާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް