Article Top
ޚަބަރު •

ރަސްމާލެ އިން 800 ހެކްޓަރުގެ ބިން ހިއްކިއްޖެ: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރަސްމާލެ އިން 800 ހެކްޓަރުގެ ބިން ހިއްކިއްޖެ: ރައީސް މުޢިއްޒު

ރަސްމާލެ ހިއްކުމުގެ ތެރެއިން މިއަހަރުގެ އޮގަސްޓު މަހު ނަގާފައިވާ ފޮޓޯއެއް.

ރަސްމާލެ އިން މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލެ އިން މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ. އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އެ 800 ހެކްޓަރަކީ މިހާރު ހުޅުމާލޭގައި އޮތް ދެ ފިޔަވަހީގެ ގާތް ގަނޑަކަށް ދެ ގުނަ ބޮޑު އަދަދެއް ކަމަށެވެ. އަދި މިހާރު ވެސަް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލެ އިން ގޯތި ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ހަމައެހެންމެ، ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 58،000 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކަށް ފްލެޓު ދޫކުރަމުން ގެންދާނެ ކަމަށާއި، ދެން އޭގެ ދަށުން ތިބި ފަރާތްތަކަށް ވެސް ފްލެޓު އަޅާ ތަރުތީބުން ދޫކުރަމުން ގެންދާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ސަރުކާރުން ބާރު ދުވެލީގައި ކުރިއަށް ގެންދަމުން އަންނައިރު، ރަސްމާލެ ތަރައްޤީ ކުރުމަށް ނިންމާފައި ވަނީ އެންމެ ޒަމާނީ ފެންވަރުގައި އެވެ. އަދި ރަސްމާލޭގައި ވޯޓާ ފްރޮންޓް މަޝްރޫއެއެއް ކުރިއަށް ގެންދިޔުމަށް، ސަރުކާރުން އަންނަނީ ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް އާއެކު ވެސް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް