Article Top
ޚަބަރު •

މައްސަލަ ހުށަހަޅާ ފަރާތްތަކަށް ގަވާއިދުން މައުލޫމާތު ފޯރުކޮށްދިނުމަށް ސީޕީ ބާރުއަޅުއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މައްސަލަ ހުށަހަޅާ ފަރާތްތަކަށް ގަވާއިދުން މައުލޫމާތު ފޯރުކޮށްދިނުމަށް ސީޕީ ބާރުއަޅުއްވައިފި

ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު.

ޖިނާއީ ތަހުގީގުތައް އަވަސް ކުރުމަށާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ގަވާއިދުން ފޯރުކޮށްދިނުމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ބާރު އަޅުއްވައިފި އެވެ.

ކޮމިޝަނާ އެކަމަށް ބާރުއެޅުއްވީ، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރުންނާއެކު ބުދަ ދުވަހު ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ބޭއްވި ބައްދަލު ކުރެއްވުމުގައި އެވެ.

މި ބައްދަލު ކުރެއްވުމަކީ ތަހުގީގު ދާއިރާގެ ގާބިލުކަން އިތުރު ކުރުމަށާއި، މަސައްކަތުގެ ހަލުވިމިން ރަނގަޅު ކުރުމުގެ އިތުރުން، ހިދުމަތް ހޯދާ ރައްޔިތުންނާއި އަނިޔާ ލިބޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

މީގެ އިތުރުން އެ ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ވަނީ، ތަހުގީގުގެ މިންގަނޑުތަކާއި ހެކީގެ ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެހެން، އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރިއަށް ގެންދިޔުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައި އެވެ. އެގޮތުން، ލަސްވުންތައް ކުޑަކޮށް، ނުނިމި ހުރި މައްސަލަތައް މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ތަހުގީގުކުރާ ބަހާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކޮމިޝަނާ އިރުޝާދު ދެއްވި އެވެ.

ހަމައެހެންމެ، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ތަހުގީގުގައި ކުރިއަށްދާ މަރުހަލާތަކުގެ މައުލޫމާތު ގަވާއިދުން ހިއްސާ ކުރުމަކީ ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ކޮމިޝަނާ ފާހަގަކުރެއްވި އެވެ. އަދި ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައި ވެސް އަނިޔާ ލިބޭ ފަރާތްތަކާ މުއާމަލާތް ކުރުމުގައި އޯގާތެރިކަމާއި، އިހުތިރާމާއި އަދި ޕްރޮފެޝަނަލިޒަމް އިސްކުރުމަށް ބާރުއެޅުއްވި އެވެ.

ޒަމާނީ ކުށްތަކަށް އަންނަ ބަދަލުތަކާއެކު ކޮމްޕްލެކްސް މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި، އިންވެސްޓިގޭޝަން އޮފިސަރުންގެ ގާބިލުކަން އިތުރު ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ކޮމިޝަނާ އަލިއަޅުއްވާލެއްވި އެވެ. މިގޮތުން ޒަމާނީ ޓެކްނޮލޮޖީ އާއި، އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް އެދިލެއްވި އެވެ.

ހަމައެއާއެކު، ތަހުގީގުތައް ކުރިއަށްދާ ގޮތް ގާތުން ބަލައި، އިންވެސްޓިގޭޝަން އޮފިސަރުންނަށް ބޭނުންވާ އިރުޝާދު ދިނުމާއެކު، ކޮންމެ ފަންތިއެއްގައި ވެސް ޖަވާބުދާރީވުމާއި، ސުލޫކީ އަދި އަހުލާގީ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ކޮމިޝަނާ އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް