ބައެއް ނިންމުންތަކުގެ ސަބަބުން ވޯޓު ނުލިބޭނެ ކަމަށް މީހުން ބުނޭ، އެކަމާ ފަރުވާލެއް ނެތް: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ސަރުކާރުން ނިންމާ ބައެއް ނިންމުންތަކުގެ ސަބަބުން، ވޯޓު ގެއްލޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާ ކަމަށާއި، އެހެން ނަމަވެސް، އެކަމާ އެއްވެސް ފަރުވާލެއް ނެތް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަކީ ވަރަށް އިންޕޮޕިއުލާ ކަންކަން ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް، އެކަންކަމަކީ، މުޅި ޤައުމާއި، ޤައުމުގެ ރައްޔިތުން، އަދި މުސްތަޤުބަލަށްޓަކައި ކުރައްވާ ކަންކަން ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އެގޮތުން އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމަށް ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާ އަރުވަމުން ދިޔަ ކަމަށެވެ. އެހެން ނަމަވެސް، އެއީ ކޮންމެހެން ވެސް ކުރަން ޖެހުނު ކަމެއް ކަމަށް ޤަބޫލު ކުރައްވާތީ، އެ ނިންމުން ނިންމެވީ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ވޭޕް މަނާ ކުރަން ނިންމި ނިންމުމާ އެކު ވެސް، ވަރަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވި ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ. އަދި އެފަދަ ނިންމެވުންތަކުގެ ސަބަބުން ސިޔާސީ ގޮތުން ފައިދާ ތަކެއް ނުވެ، ވޯޓު ގެއްލިދާނެ ކަމަށް އަރިހުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ފާހަގަ ކުރެއްވި ކަަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
އެހެން ނަމަވެސް، ވޭޕް މަނާ ކުރަން ނިންމި ނިންމުމަކީ ޤައުމުގެ ކުޑަ ކުދިންނާއި، މުސްތަޤުބަލަށްޓަކައި ނިންމެވި ނިންމުމެއް ކަމަށާއި، މިއަދު ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުން ވެސް އެކަން ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެހެން ނަމަވެސް، އަދިވެސް ރާއްޖެ އިން އެކަން ކުރި މިންވަރަށް ކުރުމަށް، ގިނަ ޤައުމުތަކުން ފަސް ޖެހޭ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެފަދަ ނިންމުންތައް ނިންމަވަނީ ސިޔާސީ ގޮތުން ލިބެން އޮންނަ ފައިދާ އާއި ގެއްލުމަށް ބައްލަވާފައި ނޫން ކަމަށެވެ. އެއީ ޤައުމުގެ ޙައްގުގައި ކުރައްވާ ކަންތައްތަކެއް ކަމަށާއި، އެކަމުގެ ސަބަބުން އެތައް ފާޑުކިޔުން ތަކެއް އަމާޒުވި ނަމަވެސް ފަރުވާލެއް ނެތް ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެފަދަ ފިޔަވަޅު ތަކުގެ ހެޔޮ ނަތީޖާ އާއި ބަދަލު ވެސް ދަނީ ފެންނަމުންނެވެ. އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ނިންމުންތަކާއުި، ފިޔަވަޅުތަކުގެ މަތީގައި ދެމި ހުންނެވުމަށް ވަރަށް އިސް ރަށްވެއްސަކު ވެސް އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައިވާ ކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް