ހަޅުތާލުގައި ހުރި ސައީދުއާ މިނިސްޓަރު އިޙުސާން ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
ހަޅުތާލުގައި ހުރި ސައީދުއާ، ހޯމް މިނިސްޓަރު އިޙުސާން ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ.
އާންމުކޮށް އުނދަގޫ ކުރަމުން އަންނަ މީހެއްގެ މައްސަލަ ބޮޑުވެ، ބަނޑުހައި ހޫނުކަމުގެ ހަޅުތާާލެއް ކުރަމުން އަންނަ މުޙައްމަދު ސައީދުއާ ހޯމް މިނިސްޓަރު އަލީ އިޙުސާން ބައްދަލު ކުރައްވައިފި އެވެ.
ހެންވޭރުގައި ހުންނަ ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކައިރީގައި ސައީދު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަން ފަށާފައި ވަނީ ހޮނިހިރު ދުވަހު އެވެ. ސައީދުގެ ކަންބޮޑުވުމަކީ އެތައް ފަހަރެއްގެ މަތިން އެ މީހާގެ ޝަކުވާ ހުށަހެޅި ނަމަވެސް، އެކަމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ ކަމަށެވެ.
ފުލުހުން މިހާރު އެ މީހާ ހައްޔަރުކޮށްފައިވާއިރު، ހޮނިހިރު ދުވަހުގެ ރޭ މިނިސްޓަރު އިޙުސާން ވަނީ ހަޅުތާލު ކުރަމުން އަންނަ ސައީދުއާ ބައްދަލު ކުރައްވައިފަ އެވެ. އަދި މިނިސްޓަރު އިޙުސާން ވަނީ ސައީދުގެ ކަންބޮޑުވުންތައް އަޑު އައްސަވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު އިޙުސާން ވިދާޅުވީ، އެ މީހާގެ ޙާލަތާއި، ދައުލަތުގެ އިދާރާތަކުގައި އަމަލު ކުރެވޭނެ ގޮތްތައް ސައީދު އަށް ދަންނަވާފައި ވާނެ ކަމަށެވެ.
އެހެން ނަމަވެސް، އެ މީހާގެ އެންމެ ފަހުގެ އެސެސްމެންޓް ހެދިއިރު އެ މީހާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުންގެ ފަރާތުން ބުނެފައިވާތީ، އޭނާއާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމާ މެދު ހެކިތައް ހޯދުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި ސައީދު އާއި ސައީދުގެ އާއިލާގެ އިތުރުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި ކަމަށް ވެސް މިނިސްޓަރު އިޙުސާން ވިދާޅުވި އެވެ.
ސައީދު ބުނެފައި ވަނީ އަޙުމަދު ފާރިޝް ނަމަކަށް ކިޔާ އެ މީހާގެ ފަރާތުން، އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ އާންމު ރައްޔިތުންނަށް އެތައް ދަތިތަކެއް ދިމާވާ ކަމަށެވެ. ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި އެ މީހާގެ ސަބަބުން ސައީދުގެ އިތުރުން، އޭނާގެ އާއިލާ އަށާއި، އެ ސަރަހައްދުގެ އަވަށްޓެރިންނަށް ވެސް އުނދަގޫ ތަކެއް ކުރިމަތިވަމުން އަންނަތާ ދޮޅު އަހަރުވެފައިވާ ކަމަށް ސައީދު ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް