އޯއައިސީގެ ބައްދަލުވުމުގައި ރާއްޖެ އިން ގޮވާލީ ފަލަސްޠީނުގެ މިނިވަންކަމާއި، އިސްލާމީ އުންމަތް އެއްބައިވަންތަވުމަށް!
ލިޔުންތެރިޔާ
އޯއައިސީގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އިރުތިޝާމް ވާހަކަ ދައްކަވަނީ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި، އިސްލާމީ އުންމަތް އެއްބައިވަންތަވުމަށް ދިވެހިރާއްޖެ އިން ގޮވާލައިފި އެވެ.
އިރާޤުގެ ވެރި ރަށް ބަޣުދާދުގައި ކުރިއަށްދާ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 52 ވަނަ ބައްދަލުވުން ފެށީ ހޮނިހިރު ދުވަހު އެވެ. އާދީއްތަ ދުވަހުގެ ނިޔަަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ، މިހާރު ދުނިޔެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާާއި ނުތަނަވަސްކަމުން އަރައިގަތުމަށް އެއްބަވައިވަންތަކަން އަދި މަޝްވަރާ ބޭނުންވާ ކަމަށް ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން ރާއްޖެ އިން އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ފަލަސްޠީނުގެ މައްސަލަ އަށް ވެސް މިނިސްޓަރޔ އިރުތިޝާމް އަލި އަޅުއްވާލެއްވި އެވެ. އެކަމަނާ ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރު ކުރެވެން ޖެހޭ ކަމަށާއި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރު ތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސް އަކީ ވެރި ރަށް ކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެ އިން އަބަދު ވެސް ކުރަމުން އަންނަ ވަކާލާތު، އެގޮތުގައި ކުރަމުން އަންނާނެ ކަމަށް ވެސް އެކަމަނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އޯއައިސީގެ އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ވަނީ ދިވެހިރާއްޖެ އެ ޖަމާއަތުގެ މެމްބަރަަކަށްވިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އިސްލާމީ އުންމަތާއި، އިސްލާމީ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގައި އޯއައިސީގެ މެމްބަރު ޤައުމުތަކާ އެކު ދިވެހިރާއްޖެ އަބަދު ވެސް ދެމި އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.
އޯއައިސީގެ ބައްދަލުވުމުގައި ރާއްޖެ އިން ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލާފައިވާއިރު، ރާއްޖެ އިން އަންނަނީ ބައިނަލްއަޤުވާމީ އެކި އެކި މައިދާންތަކުގައި ފަލަސްޠީނުގެ ޙައްގުގައި އަޑު އުފުލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް