މަތީ ތައުލީމަށް 2.6 ބިލިއަން ރުފިޔާ ހޭދަކޮށް، 11،000 ކުދިންނަށް ފުރުސަތު ފަހިކޮށްދީފިން: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
މަތީ ތައުލީމުގެ ދާއިރާ އަށް 2.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 11،000 ކުދިންނަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރު އައި ފަހުން ހިލޭ ޑިގްރީ އާއި، ސްކޮލަޝިޕް އަދި ލޯނު ހިމެނޭހެން 2.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މި ސަރުކާރުން އައި ފަހުން ފުރުސަތު ފަހިކޮށްދިން 11،000 ކުދިން ހިމެނޭ ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
މެޑިކަލް ޑޮކްޓަރުކަން ކިޔަވާ 502 ކުދިން.
އިންޖިނިއަރިންގެ ދާއިރާތަކުން ކިޔަވާ 451 ކުދިން.
ނަރުސްކަން ކިޔަވާ 634 ކުދިން.
މުދައްރިސުކަން ކިޔަވާ 672 ދަރިވަރުން.
އެކި ކަހަލަގެ ތެރަޕީތަކުގެ ދާއިރާ އިން 370 ދަރިވަރުން.
އެކައުންޓިންގެ ދާއިރާ އިން 920 ދަރިވަރުން.
އެލައިޑް ހެލްތުގެ އެކި ދާއިރާ ތަކުން 324 ދަރިވަރުން.
މީގެ އިތުރުން ވެސް އެކި ކަހަލަގެ ދާއިރާ ތަކުން ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ސަރުކާރު އައި ފަހުން، މިދިޔަ ތިން އަހަރުގެ ތެރޭގައި ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން، ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނު ދޫކުރަމުން އަންނަ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
އެހެން ނަމަވެސް، ސަރުކާރުން ދެމުން އަންނަ ލޯނުތަކާއި، ސްކޮލަޝިޕްގައި ކިޔެވުމަށް ފަހު، އެނބުރި ޤައުމަށް ޚިދުމަތް ކުރަން އަންނަ ދަރިވަރުންގެ އަދަދު މަދުކަން ހިތާމަޔާ އެކު ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އުސޫލު ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް