Article Top
ޚަބަރު •

ވަޤުފް ފަންޑުން އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް މާލީ އެހީތެރިކަން ދޭނަން: ރައީސް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ވަޤުފް ފަންޑުން އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް މާލީ އެހީތެރިކަން ދޭނަން: ރައީސް

ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ ---

ރާއްޖޭގައި މިހާރު ފަށާފައިވާ ވަޤުފް މަޝްރޫޢުތައް ނިމުމުން ލިބޭ ޢާމްދަނީން، އިމާމުންނާއި ދީނީ ޢިލްމުވެރިންގެ ފުދުންތެރިކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ޤާއިމުކުރެވެމުންދާ ވަޤުފް ޢިމާރާތްތަކަކީ ދީނީ ދާއިރާގެ ކުރިއެރުމަށާއި މުޖުތަމަޢުގެ އިޖުތިމާޢީ އަދި މާލީ ފުދުންތެރިކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އެ މަޝްރޫޢުތައް ނިމި، އޭގެއިން އުފެދޭ ވަޤުފް ފަންޑުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުން އަދި ދީނީ ޢިލްމުވެރިންގެ ޙާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިމާމުންނަކީ މުޖުތަމަޢުގައި ޤަދަރާއި ޢިއްޒަތް ލިބިގެންވާ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން މިހާރުވެސް ޢަމަލީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އިމާމުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވައި، ރާއްޖެއިން ބޭރުން ތަމްރީނާއި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، މިސްކިތްތަކުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް