ތިން އަހަރުން ޤައުމުގެ ޙާލަތު ރައީސް ބަދަލުކޮށްދެއްވައިފި: އަބްދުއްރަހީމް
ލިޔުންތެރިޔާ
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --- ފޮޓޯ/ ޕީއެސްއެމް
އީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރިގެން ދިޔައިރު، ޤައުމު އޮތް ނުރައްކާތެރި ފުން ވަޅުގަނޑުން ނަންގަވައި، މުޅި ޤައުމުގެ ޙާލަތު އެއްކޮށް ބަދަލުކޮށްދެއްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްގެ 'ހަފުތާ 156' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ބޮޑު ތާށިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ބޭރުގެ ދަރަނިތައް ދެއްކޭނެ މަގެއް ނެތި، ޤައުމު ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ގޮސްފައި އޮތް ނަމަވެސް، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެކަންކަން ހައްލުކުރައްވައި އިޤްތިޞާދު ހަމަމަގަށް އަޅުއްވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޤައުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް އެޅުއްވި އިޞްލާޙީ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށާއި، ރައްޔިތުންނަށް ދަތިނުވާނޭހެން ޚަރަދުތައް ކުޑަކުރައްވައި ޤައުމުގެ މުސްތަޤްބަލު އުޖާލާކޮށްދެއްވާފައިވާ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ސަރުކާރުން ފައްޓަވާފައިވާ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ކުރިއަށްގެންދާ އިޞްލާޙީ މަސައްކަތްތަކަށާއި ތަރައްޤީގެ އެޖެންޑާއަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެއެވެ. އަދި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި ރައީސް ދައްކަވަމުން ގެންދަވަނީ އިޚްލާޞްތެރި، ޤާބިލު ލީޑަރޝިޕެއް ކަމަށްވެސް ވިދާޅުވިއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް