Article Top
ރިޕޯޓު •

ކަނޑުފަޅުގެ ދަނޑުވެރިކަމުން ހުޅުވުނު ރަންދޮރާއެކު 3 އަހަރުގެ ތާރީޚީ ކާމިޔާބީ!

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކަނޑުފަޅުގެ ދަނޑުވެރިކަމުން ހުޅުވުނު ރަންދޮރާއެކު 3 އަހަރުގެ ތާރީޚީ ކާމިޔާބީ!

މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުން

މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު މަސްވެރިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކިރާ މަހަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް މަހެއް ވަންދެން މަޑުކުރަން ޖެހުމެވެ. ސަރުކާރުގެ ފުރަތަމަ ދުވަސްވަރުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދިނީ މި މައްސަލަ ޙައްލުކުރުމަށެވެ. އެގޮތުން މަސްވެރިންނަށް ދޭންޖެހި ނުދެވި ހުރި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ވަނީ މަސްވެރިންނަށް ޚަލާޞްކޮށްދީފައެވެ.

މީގެ އިތުރުން، މަސް ކިރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މިއީ މަސްވެރި ޢާއިލާތަކަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދިޔައެވެ.

މަސްވެރިންނަކީ ވެސް ދައުލަތް ބަލައިގަންނަ ޢިއްޒަތްތެރި މަސައްކަތްތެރި ބައެއްކަން ކަށަވަރުކުރުމަށްޓަކައި، ރަސްމީ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ވަނީ ނިންމާފައެވެ. މި ދަފްތަރުގެ ސަބަބުން މަސްވެރިންނަށް ދައުލަތުގެ ޕެންޝަން ސްކީމުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެ، ބޭންކުތަކުން ލޯނާއި މާލީ އެހީތެރިކަން ހޯދުމުގައި ހުރި ދަތިތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

އިންފްރާސްޓްރަކްޗަރާއި ޤާބިލުކަން އިތުރުކުރުން

މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް އެންމެ މުހިންމީ މަސް ރައްކާކުރެވޭނެ ޖާގައާއި ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކުރުމެވެ. ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މިފްކޯގެ ބެލުމުގެ ދަށުގައިވާ ފެސިލިޓީތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑެތި މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ. ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮއްތުގިރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، ބޭރުގެ މާކެޓުތަކަށް މަސް ބޭރުކުރެވޭ މިންވަރު ވަނީ ވަރަށް ބޮޑަށް މަތިކޮށްފައެވެ.

މަސްދޯނިފަހަރުގައި އާރްއެސްޑަބްލިޔު (ރިފްރިޖަރޭޓެޑް ސީ ވޯޓާ) ސިސްޓަމް ހަރުކުރުމަށް ސަރުކާރުން ތަޢާރަފްކުރި ލުއި ލޯނު ޕްރޮގްރާމްގެ ދަށުން އެތައް ދޯންޏެއްގައި މި ނިޒާމު ވަނީ ޤާއިމުކޮށްފައެވެ. މީގެ ސަބަބުން އައިސް ހޯދުމަށް ދޯނިފަހަރުން ކުރަންޖެހޭ ޚަރަދު ކުޑަވެ، ބާނާ މަހުގެ ތާޒާކަން ދިގު މުއްދަތަކަށް ދެމެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދިޔައެވެ. އަދި ބޭރުގެ މާކެޓުތަކުން ދިވެހި މަހަށް ލިބޭ އަގު މަތިކުރުމަށްޓަކައި ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އެކުލަވައިލުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސަރުކާރުން މެރިކަލްޗާ ސިނާޢަތް ކުރިއެރުވުމަށް ދިން ޚާއްޞަ އިސްކަމުގެ ދަށުން، ބ. ފެހެންދޫގައި އެންމެ 100 އެއްހާ ކިލޯގެ މޫދުވިނައިން ފެށި މަޝްރޫޢު ފުޅާވެ، މިހާރު މަހެއްގެ މައްޗަށް 63 ޓަނުގެ މޫދުވިނަ ބޭރު ދުނިޔެއަށް އެކްސްޕޯޓު ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިއީ މުޅި ރާއްޖެއަށް މި ސިނާޢަތް ފުޅާކުރުމަށް ހުޅުވުނު ވަރަށް މުހިންމު ދޮރެކެވެ.

ފިޝަރީޒް މިނިސްޓްރީގެ އަމާޒަކީ މޫދުވިނަ އާލާކުރުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކޮށް، ރާއްޖެއަށް ކަޅުބިލަމަހުގެ މަސްވެރިކަމުން ލިބޭ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އާމްދަނީއާ އެއްވަރުގެ، ނުވަތަ އެއަށްވުރެ ވެސް ބޮޑު ނަފާއެއް ކައިރި މުސްތަޤްބަލެއްގައި މޫދުވިނައިގެ ވިޔަފާރިން ޤައުމަށް ހޯދުމެވެ. މެރިކަލްޗަރ ސިނާޢަތަކީ ބިލިއަނުން ރުފިޔާ ލިބޭ ވަރުގެ ބޮޑު ސިނާޢަތަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ކ. މަނިޔަފުއްޓާއި، މ. އަތޮޅާއި، ބޮޑު ތިލަދުންމަތި އަދި ތ. އަތޮޅު ހިމެނޭހެން މެރިކަލްޗަރަށް ޚާއްޞަ ޒޯންތަކެއް ވަނީ ކަނޑައަޅައި، ޢަމަލީ މަސައްކަތްތައް ފަށާފައެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން

ރާއްޖެއަކީ ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމުން، ދަނޑުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ އުތުރުތިލަފަޅުގައި ފެށި ދަނޑުވެރިކަމުގެ ޚާއްޞަ އިޤްތިޞާދީ މަޝްރޫޢެވެ. ބޭރުގެ ފަންނީ އެހީތެރިކަމާއެކު ފެށުނު މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ރާއްޖޭގައި އުފައްދައި، ކާބޯތަކެތީގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައަކަށް ޔަޤީންކުރުމެވެ.

މީގެ އިތުރުން، ރަށްރަށުގެ ދަނޑުވެރިންނަށް އެހީތެރިވުމުގެ ގޮތުން ޒަމާނީ ވަސީލަތްތައް ތަޢާރަފްކުރެވުނެވެ. ވާޓިކަލް ފާމިންގއާއި، ހައިޑްރޯޕޮނިކްސް އަދި ގްރީންހައުސް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ތަމްރީނާއި ލުއި ލޯނު ދޫކުރަން ފެށުނެވެ. މިކަމުގެ ސަބަބުން ކުދި ބިންތަކުގައި ވެސް ގިނަ ޢަދަދަކަށް ތަކެތި އުފެއްދުމުގެ ފުރުޞަތު ފަހިވެގެންދިޔައެވެ.

އުފެއްދުންތަކަށް ހަމަ އަގާއި މާކެޓް ހޯދައިދިނުން

ދަނޑުވެރިން އުފައްދާ ތަކެއްޗަށް ދާއިމީ މާކެޓެއް ހޯދައިދިނުމަކީ ވޭތުވެދިޔަ ތަނުގައި ދަނޑުވެރިންނަށް ދިމާވި އެންމެ ބޮޑު އެއް ދައްޗެވެ. ސަރުކާރުން މިކަމަށް ގެނައި މުހިންމު ޙައްލަކީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކޮންޓްރެކްޓް ފާމިންގގެ ދަށުން ދަނޑުވެރިންގެ އަތުން އެއްބަސްވެވޭ ވަކި އަގެއްގައި ތަކެތި ގަތުމުގެ ނިޒާމު ފުޅާކުރުމެވެ.

މި ނިޒާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ ތަކެތި މާލޭގެ މާރުކޭޓުތަކަށާއި، ޓޫރިޒަމް ދާއިރާގެ ރިޒޯޓުތަކަށް ސީދާ ފޯރުކޮށްދެވޭނެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ. މީގެ އިތުރުން ރަށްރަށުގައި ގުދަންކުރުމުގެ ނިޒާމުތައް ޤާއިމުކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތައް އިސްރާފުވިޔަނުދީ ރައްކާކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ޒަމާނީ ޓެކްނޮލޮޖީއަށް ޒުވާނުން އަހުލުވެރިކުރުވައި، ދަނޑުވެރިކަމަކީ ޝަރަފުވެރި އަދި ފައިދާހުރި ވަޒީފާއެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން ހިންގި ޕްރޮގްރާމްތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ ޒުވާނުން މި ދާއިރާއަށް ނުކުމެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް