ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދޭން މަސައްކަތްކުރާނަން: އަދާލަތު ޕާޓީ
ލިޔުންތެރިޔާ
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާނު ---
އަންނަ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް އަދާލަތު ޕާޓީން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާނު ދެއްވައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެންސީއާ އެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޝައިޚް ޝިފާނު ވިދާޅުވީ، ސަރުކާރާއެކު މަސައްކަތްކުރުމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރަން ނިންމީ ޕާޓީގެ އިލްމުވެރިންނާއި، މަޝްވަރާ މަޖިލީހުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާންމު މެންބަރުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.
ޝިފާނު ވިދާޅުވި ގޮތުގައި، އަސާސީ ސިޔާސަތުތަކުގައި ކޮންގްރެސް ޕާޓީއާއި އަދާލަތު ޕާޓީ އޮތީ އެއް ވިސްނުމެއްގައެވެ. އަދި ރާއްޖޭގެ ދަރަނި އަދާކުރުމަށާއި، ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށާއި، އިގުތިސާދު ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އަދާލަތު ޕާޓީގެ ފުރިހަމަ އެއްބާރުލުން ރައީސަށް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.
މީގެ އިތުރުން، އިސްލާމީ މާލީ ނިޒާމު ވަރުގަދަކުރުމާއި، ޒަކާތާއި ވަގުފުގެ ނިޒާމު ހަރުދަނާކުރުމާއި، ޒުވާނުން ހެޔޮ ގޮތުގައި ބިނާކުރުމަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ އަދާލަތު ޕާޓީން އަބަދުވެސް ވަކާލާތުކުރާ އަދި ބަލައިގަންނަ ސިޔާސަތުތަކެއްކަން ޝިފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި، ގައުމުގެ ސަރަހައްދުން ކުޑަ މިންވަރެއްވެސް ދޫނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވާފައިވާކަން ފާހަގަކުރައްވަމުން ޝިފާނު ވިދާޅުވީ، ސަރުކާރާ ގުޅުނީ އަދުލުވެރި އިގުތިސާދެއް ބިނާކޮށް، ރަށްތަކަށް ތަރައްގީ ހޯދައިދިނުމުގައި އެހީތެރިވެދިނުމުގެ އިހުލާސްތެރި ނިޔަތުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް