ދިރާގު ޖޫނިއާ އޯޕަން: އަށް ގައުމެއްގެ ވާދަވެރިކަން ރާއްޖެއަށް
ލިޔުންތެރިޔާ
މުބާރާތުގެ މެޑަލްތައް --
ބައިނަލްއަގުވާމީ ޖޫނިއާ ބެޑްމިންޓަންގެ ފޯރި އަލުން މާލެއަށް ގެނައުމަށްޓަކައި ބާއްވާ "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން" ގެ ދެވަނަ މުބާރާތުގައި ވާދަކުރަން މިހާތަނަށް އަށް ގައުމަކުން ބައިވެރިވެއްޖެ އެވެ.
އަންނަ ޑިސެމްބަރު މަހުގެ 13 އިން 19 އަށް މާލޭގައި ކުރިއަށްދާ މި މުބާރާތުގެ އެންޓްރީތައް ބަންދުވާން ބާކީ އޮތީ އެންމެ އަށް ދުވަހެވެ. ނޮވެމްބަރު 25 ގައި ސުންގަޑި ހަމަވާއިރު، މިހާރުވެސް ވަނީ މިދިޔަ އަހަރަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވުން ކަށަވަރުކޮށްފަ އެވެ.
ދިވެހިރާއްޖޭގެ އިތުރުން މިފަހަރުގެ މުބާރާތުން ފެންނާނެ ގައުމުތަކަކީ، ގަތަރު، އިންޑިއާ، ސްރީލަންކާ، ބަހްރޭން، ނޭޕާލް، ބަންގްލަދޭޝް އަދި އަރްމީނިއާ އެވެ.
ދަ ބެޑްމިންޓަން ކްލަބުން އިސްނަގައިގެން، ކުޅިވަރާ ބެހޭ ވުޒާރާ އާއި ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އާ ގުޅިގެން ބާއްވާ މި މުބާރާތް ވެގެންދާނީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ ތަޖުރިބާ ހޯދަން ލިބޭ ރަނުގެ ފުރުސަތަކަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ފުރަތަމަ މުބާރާތުގައި ހަތް ގައުމަކުން 347 ކުޅުންތެރިން ވާދަކޮށް، ޖުމްލަ 735 މެޗު ކުޅުނެވެ. އެ މުބާރާތުގައި ބޭރުގެ 30 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރިއިރު، އިންސާފުކުރުމަށް ބައިނަލްއަގުވާމީ ހަތަރު އަމްޕަޔަރުންވެސް މާލެ ގެނައެވެ.
މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އަތޮޅުތެރޭގެ ޒުވާން ކުޅުންތެރިންނަށް ހުޅުވިފައިވާ ފުރުސަތެވެ. މިދިޔަ އަހަރުވެސް އޭދަފުށީގެ ރިވައިވަލް، ނައިފަރު، އަދި އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު އެކަޑަމީތަކުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ.
ދިރާގުގެ ޓައިޓަލް ސްޕޮންސަރޝިޕްގެ ދަށުން ބާއްވާ މި އަހަރުގެ މުބާރާތާއެކު، އިންތިޒާމުކުރާ ފަރާތުގެ އަމާޒަކީ މިއީ ދުނިޔޭގެ ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ފާހަގަކޮށްލެވޭ، ކޮންމެ އަހަރަކުވެސް ބާއްވާ ދާއިމީ މުބާރާތަކަށް ހެދުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް