Article Top
ޚަބަރު •

ކޮނޑުގައި އޮތް ދަބަހުގައި އޮތީ ކުޅެން ގެންދިޔަ ބޫޓު: މިނިސްޓަރު މުއްތަލިބު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކޮނޑުގައި އޮތް ދަބަހުގައި އޮތީ ކުޅެން ގެންދިޔަ ބޫޓު: މިނިސްޓަރު މުއްތަލިބު

މިނިސްޓަރު މުއްތަލިބު ---

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އިއްޔެ ރޭ ވަޑައިގެންނެވިއިރު ކޮނޑުގައި އޮތީ އާރަށުން ފުޓުބޯޅަ ކުޅެގެން ވަޑައިގެންނެވިއިރު ގެންގުޅުއްވި ކުޅޭ ސާމާނު އެޅި ދަބަހެއް ކަމަށާއި، އެ ދަބަސް މަޖިލީހަށް ވެއްދީ ސެކިއުރިޓީ ސްކޭނަރުން ޗެކްކުރުމަށްފަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މަޖިލީހުގެ އިދާރާއަށް އެމަނިކުފާނު ދަބަހެއް ކޮނޑުގައި އަޅުވައިގެން ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅުވައިގެން، މަޖިލީހަށް ފައިސާ ދަބަހެއް ގެންދެވި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރައްވަމުން ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، އިއްޔެ ރޭ މަޖިލީހުގެ އިދާރާއަށް އެޓާނީ ޖެނެރަލްއާއެކު ވަޑައިގެންނެވީ ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލާ ގުޅޭގޮތުން ބައެއް މެންބަރުންގެ އެދިވަޑައިގަތުމަކަށް، އެ ބޭފުޅުން ސާފުކުރަން ބޭނުންވި ކަންކަން ސާފުކޮށްދެއްވުމަށް ކަމަށެވެ.

އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑިއަކީ އާރަށުން ފުޓުބޯޅަ ކުޅެގެން މާލެ އައި ގަޑިއާ ދިމާވާ ވަގުތަކަށް ވާތީ، ލޯންޗުން ފޭބި ގޮތަށް މަޖިލީހަށް ވަޑައިގެންނެވީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިއްޕަވައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަޖިލީހުގެ އިދާރާއަށް ވެންނެވީ އެ ދަބަސް ސެކިއުރިޓީ ސްކޭނަރުން ސްކޭންކޮށްގެން ކަމަށާއި، ބައްދަލުވުމަށްފަހު ނިކުމެވަޑައިގެންނެވީ ވެސް އެ ދަބަސް ކޮނޑުގައި އަޅުއްވައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ އަދި ސީސީޓީވީ ކެމެރާއާއި ދަބަސް ސްކޭނަރާއި ބޮޑީ ސްކޭނަރުތައް ބަހައްޓާފައިވާ ތަނެއް ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ ވަޒީރުންނަށް ވެސް މަޖިލީހުގެ އިދާރާއަށް ވަދެވެނީ އައިޑީ ކާޑުގެ ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން ކަމަށާއި، އެމަނިކުފާނު ވެސް އެ ބައްދަލުވުމަށް ވަޑައިގެންނެވީ ހުރިހާ ސެކިއުރިޓީ ކަންކަން ފުރިހަމަކޮށްގެން ކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް