Article Top
ޚަބަރު •

ލ.ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް ސްޓޭޝަން ހުޅުވައި ޚިދުމަތް ދޭން ފަށައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ލ.ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް ސްޓޭޝަން ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ތެރެއިން --- ފޮޓޯ/ ފުލުހުން

ލ. ހިތަދޫގައި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މުޖުތަމައުގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ލ. ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަމްޢޫނެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން، 2025 އޮކްޓޫބަރު 20 ގައި ބިންގާ އެޅި މި އިމާރާތުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާފައެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއާއި، ފުލުހުންގެ އިސް އެގްޒެކެޓިވް އޮފިސަރުންނާއި، އެމް.އެން.ޑީ.އެފްގެ ބޭފުޅުންގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަޝްރޫއަކީ ސުލްހަމަސްލަހަތު ދެމެހެއްޓުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި އަމަންއަމާންކަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ނެތި އެއްވެސް މުޖުތަމައެއް ކުރިއަރައިގެން ނުދާނެކަން ފާހަގަކުރައްވައި، ކުރު މުއްދަތެއްގެ ތެރޭގައި މި މަޝްރޫއު ނިންމުމަށް ރައްޔިތުންނާއި ކައުންސިލުން ދެއްވި އެއްބާރުލުމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، އަތޮޅުތެރޭގެ ސްޓޭޝަންތަކަށް ބޭނުންވާ ފުލުހުން ހޯދުމަށް ފަށާފައިވާ ރެކްރޫޓްމަންޓް މަރުހަލާތަކާއެކު، ކުރިއަށް އޮތް ތަނުގައި ހިތަދޫ ސްޓޭޝަނަށް އިތުރު މުވައްޒަފުން ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ. އަދި ކުދި މުޖުތަމައުތަކުގައި ކާމިޔާބީ ހާސިލުކުރެވޭނީ ރައްޔިތުންނާ ގާތުން ކޮމިއުނިޓީ ޕޮލިސިންގ އުސޫލުން ޚިދުމަތް ދީގެން ކަމަށް ވިދާޅުވެ، އެގޮތަށް މަސައްކަތް ބައްޓަންކުރުމަށް ފުލުހުންނަށް އިރުޝާދު ދެއްވިއެވެ.

ހަމައެއާއެކު، ސަރުކާރުން އިފްތިތާހުކުރި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޕޮލިސް ކޮލެޖުގެ އަސާސީ ތަމްރީނު ހިމެނޭހެން ކުރިއަށް ހުރި ހުރިހާ ތަމްރީނު ޕްރޮގްރާމުތަކެއްގައި "އިހުތިރާމު އަދާކުރުން" ވަކި މޮޑިއުލެއްގެ ގޮތުގައި ހިމަނަން ނިންމާފައިވާކަން ވެސް ކޮމިޝަނަރ އިއުލާނުކުރެއްވިއެވެ. ކޮމިޝަނަރ ވިދާޅުވީ، އިހުތިރާމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައާއި މުއާމަލާތްތަކުގައި ކޮންމެ ފުލުހަކުވެސް ހިފަހައްޓަންޖެހޭނެ އަސާސީ ސިފައެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް