Article Top
ކުޅިވަރު •

33 އަހަރުގެ އިންޑޯ ދަތިކަމަށް ހައްލެއް: ހުޅުމާލޭގައި ނެޝަނަލް ނެޓްބޯޅަ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

33 އަހަރުގެ އިންޑޯ ދަތިކަމަށް ހައްލެއް: ހުޅުމާލޭގައި ނެޝަނަލް ނެޓްބޯޅަ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި

ވަޒީރު ރާފިއު ނެޓްބޯޅަ ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވަނީ -- ފޮޓޯ/ ޕީއެސްއެމް

ރާއްޖޭގައި ކުޅިވަރު ކުޅުމަށް ލިބިފައިވާ އިންޑޯ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭ ފޭސް 1 ގައި ޒަމާނީ ފެންވަރުގެ "ނެޝަނަލް ނެޓްބޯޅަ ކޮމްޕްލެކްސް" އެޅުމުގެ އަމަލީ މަސައްކަތް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އިއްޔެ ފައްޓަވައިދެއްވައިފި އެވެ.

ގާޒީ ސްކޫލް ކުރިމައްޗަށް އޮންނަ ހުސްބިމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ރާއްޖޭގެ ކުޅިވަރުގެ ދުރުރާސްތާ ޕްލޭންގެ ދަށުން ސަރުކާރުން ހިންގާ އެންމެ މުހިންމު އެއް މަޝްރޫއުކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރެ އެވެ.

ޖިއޯ ވޭވް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ މި ކޮމްޕްލެކްސްގައި ޖުމްލަ ފަސް ޕިޗު ހިމެނޭ އިރު، އޭގެ ތެރޭގައި 4 ޕްރެކްޓިސް ޕިޗާއި، މަލްޓި-ސްޕޯޓްސް އަށް ބޭނުންކުރެވޭނެ 1 ޓޯނަމަންޓް (މެޗު) ޕިޗު ހިމެނެ އެވެ. އިތުރު ވަސީލަތްތަކުގެ ތެރޭގައި ކެފޭ، ޗޭންޖިން ރޫމް، ޖިމް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެގޮތުގެ ފުރިހަމަ އިންތިޒާމުތައް ހިމެނޭ ކަމަށް މިނިސްޓްރީން ފާހަގަ ކުރެ އެވެ.

މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، މި ކޮމްޕްލެކްސްއާއެކު ރާއްޖޭގައި ކުޅިވަރު ކުޅެން 33 އަހަރު ވަންދެން އެންމެ އިންޑޯއެއް (ސޯޝަލް ސެންޓަރު) އޮތް އޮތުމަށް ނިމުމެއް އަންނާނެ ކަމަށެވެ.

"މިއީ ލޯންގްޓާމް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތަށް ކުރިއަށް އޮތް ހަތް ވަރަކަށް އަހަރު ތެރޭ ރީޖަނަލް ގޭމްސްއެއް ހޯސްޓްކުރުމަށް ގެންގުޅޭ ތަސައްވުރަށް ވާސިލުވުމަށް ލިބުނު މުހިންމު ފިޔަވަޅެއް. މިތަނުގައި ނެޓްބޯޅައިގެ އިތުރުން ފުޓްސަލް، ވޮލީ، ހޭންޑްބޯޅަ އަދި އިންޑޯ އެހެން ކުޅިވަރުތަކުގެ މުބާރާތްތައްވެސް ބޭއްވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ކޮމްޕްލެކްސްގެ ސަބަބުން މޫސުމާ ހެދި މުބާރާތްތަކުގެ ޝެޑިއުލަށް ބަދަލުކުރަންޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމަށާއި، އެލީޓް އެތުލީޓުން އުފެއްދުމަށް ކުރާ މަސައްކަތަށް ފަރިތަކުރުމުގެ ވަގުތު އިތުރުވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއު ފެށުން ލަސްވެގެންދިޔައީ، ބިމުގެ ޑިޒައިން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށާއި، ވަށައިގެން އޮންނަ މަގުތަކުން ވަދެނުކުތުމުގެ ކަންކަން ފުރިހަމަކުރުމަށް ވަގުތު ނެގުމާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކޮންޓްރެކްޓަރާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް މި މަޝްރޫއު 15 މަހާއި 18 މަސް ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް