Article Top
ކުޅިވަރު •

ހުޅުމާލޭގައި ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި: އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ނިންމުން

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ހުޅުމާލޭގައި ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި: އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ނިންމުން

ނެޝެނަލް ފުޓްސަލް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ

ރާއްޖޭގެ ފުޓްސަލް ކުޅުންތެރިން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި އިންޑޯ އެރީނާގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ އަމަލީ މަސައްކަތް ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އިއްޔެ ފަށައިފި އެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ލިއޯ ޓްރޭޑިންއާ ހަވާލުކޮށްގެން ހުޅުމާލޭ ފޭސް 3 ގައި ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް އެއްބަސްވުމުގައިވަނީ 720 ދުވަސް (ގާތްގަނޑަކަށް ދެ އަހަރު) ކަނޑައަޅައިފަ އެވެ. ނަމަވެސް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ މި މަޝްރޫއު 18 މަސް ދުވަހުގެ ތެރޭގައި، އަދި އެއަށްވުރެ އަވަހަށްވެސް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ފީފާގެ މިންގަނޑުތަކަށް ފެތޭގޮތަށް 21 މީޓަރު އުސްމިނަށް ތަރައްގީކުރާ މި މަލްޓި-ލެވެލް އިންޑޯ އެރީނާގައި ހިމެނެނީ:

  • ކޯޓުތައް: ގްރައުންޑް ފްލޯގައި 1 މެޗު ކޯޓާއި 2 ޕްރެކްޓިސް ކޯޓު، އަދި މަތީ ފަންގިފިލާގައި އިތުރު 2 ޕްރެކްޓިސް ކޯޓު.

  • ޒަމާނީ ފްލޯރިން: ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދީ، ބައިނަލްއަގުވާމީ ފެންވަރުގެ ޝޮކް އެބްޒޯބްކުރާ ކުޝަންޑް ވައިނަލް ސްޕޯޓްސް ފްލޯރިން.

  • އިތުރު ވަސީލަތްތައް: ޓީމު ލޮކާ ރޫމްތަކާއި، ފެންވަރާ ތަނާއި، ކިތް ރޫމްތަކާއި، ޕްލޭޔާސް ލައުންޖާއި، މެޑިކަލް އެންޑް ޑޯޕިން ކޮންޓްރޯލް ރޫމެއްގެ އިތުރުން މަލްޓި ޕާޕަސް ޓްރެއިނިން ހޯލަކާއި އިދާރީ އޮފީސްތައް.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ގްރޭޓާ މާލެ ސަރަހައްދުން މި ވަރުގެ ބިމެއް ހޯދުމަކީ ބޮޑު ގޮންޖެހުމަކަށްވި ނަމަވެސް، ފުޓްސަލް ކޮމިއުނިޓީގެ މުހިންމުކަމަށްޓަކައި ބިން ހަމަޖައްސައި މަސައްކަތް ފެށިފައިވާ ކަމަށެވެ.

މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރަން ވަނަ ހޯދައި، ދުނިޔޭގެ ރޭންކިންގެ 99 ވަނައަށް އަދި ދެކުނު އޭޝިއާގެ އެއްވަނަ ދަމަހައްޓާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިފަދަ ޒަމާނީ އެރީނާއެއް ލިބުމުން ރާއްޖޭގައި މި ސަރަހައްދުގެ ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހަމަ އެއާއެކު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެހެން ކުޅިވަރުތަކެކޭ އެއްފަދައިން ގައުމީ ފުޓްސަލް ޓީމަށްވެސް މުސާރަ އާއި އިންޝުއުރެންސްގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް