Article Top
ޚަބަރު •

ފުޖައިރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ރައީސް ޑރ. މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ފުޖައިރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ރައީސް ޑރ. މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ޔޫއޭއީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވަނީ އެ ގައުމުގެ ރައީސް އަށް ތައުޒިޔާ ދަންނަވައިފައި---

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ފުޖައިރާ ސިޓީގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އަބޫދާބީގެ ވެރިޔާ އަދި އެ ގައުމުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާގެ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި ހިތާމަވެރި ހާދިސާގެ ސަބަބުން އަލިފާން ރޯވެ ގިނަ ބައެއްގެ ފުރާނަ ގެއްލި، އިތުރު އެތައް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ޚަބަރު އެއްސެވީ އިންތިހާއަށް ކަންބޮޑުވެވަޑައިގެން ފުން ހިތާމައާއެކު ކަމަށެވެ.

ދިވެހި ސަރުކާރާއި ދިވެހި އެންމެހައި ރައްޔިތުން ނަމުގައި މި މެސެޖުގައި، ޔޫ.އޭ.އީ ގެ ރައީސަށާއި، ސަރުކާރަށް އަދި އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޔޫ.އޭ.އީ އާއި އެކުގައިކަން އެ މަނިކުފާނު ތަކުރާރުކޮށް ޔަޤީންކޮށްދެއްވައި، މި ހިތާމަވެރި ހާދިސާގެ އަސަރު ކުރި އެންމެހައި ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވިއެވެ.

ހަމައެއާއެކު، އަނިޔާވި އެންމެހައި ފަރާތްތަކަށް އަވަސް ދުޅަހެޔޮކަމަކަށް އެދިވަޑައިގަންނަވާ ކަމަށާއި، މި ހާދިސާގައި ދުނިޔެ ދޫކުރި މީހުންގެ ފުރާނައަށް މާތްﷲ ގެ ރުއްސެވުމާއި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ހިތާމަވެރި އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާ ދެންނެވިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުޖައިރާގައި ހިނގި މި އެކްސިޑެންޓުގައި 14 މީހަކު މަރުވެފައިވާއިރު، 30 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. މި ހާދިސާ ހިނގަން ދިމާވީ މާ ބާރަށް ދުއްވި ޓްރަކެއް ކޮންޓްރޯލުން ނެއްޓި ގޮސް ކާރެއްގައި ޖެހުމުގެ ސަބަބުންނެވެ. އެއާއެކު، ޖުމްލަ 18 ކާރާއި 5 ޓްރަކް އެއްފަހަރާ މުޑިއަރައި އެކްސިޑެންޓްވިއެވެ. ޔޫއޭއީގެ ފުލުހުން ބުނާ ގޮތުގައި، މީހުން މަރުވެ އަނިޔާވި މިންވަރު އިތުރުވެގެން ދިޔައީ އެކްސިޑެންޓުވި ޓްރަކުގައި އަލިފާން ހިފައި، ކައިރީގައި ހުރި އެހެން އުޅަނދުތަކަށް އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިގެން ދިޔުމުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޔޫއޭއީގެ ރައްޔިތުންގެ އިތުރުން އޮމާން، އިންޑިއާ، ބްރެޒިލް، ޕާކިސްތާން، އުރުދުން އަދި މިސްރުގެ ރައްޔިތުންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް