ސަރުކާރާ ގުޅި، ރައީސް ޑރ. މުއިއްޒުއަށް ދެ ވަނަ ދައުރެއް ހޯދައިދޭން އަދާލަތު ޕާޓީން ނިންމައިފި
ލިޔުންތެރިޔާ
އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ ތެރެއިން ---
މި ދައުރުގައި ބާކީ އޮތް ދެ އަހަރުގައި ސަރުކާރާއެކު ކުރިއަށް ގޮސް، އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީއަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
އެ ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި، ދީނުގެ ކަންކަން ހަރުދަނާ ކުރުމާއި، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއިކުރުމާއި، ގައުމުގެ އިގްތިސާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް މި ސަރުކާރަށް ތާއީދުކުރަން ނިންމައިފައިވާކަމަށެވެ.
އެ ޕާޓީން ބުނީ އެ ޕާޓީ އުފެއްދި މައިގަނޑު މަގުސަދަކީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުވައި ތަރައްޤީކުރުންކަމަށެވެ.
ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި، ޤައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރުމަށް، ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތްކަމަށް އެ ޕާޓީން ދެކޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގައި މަޝްވަރާ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން، ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ތިންކަމެއް ނިންމައިފައިވާކަމަށް އެ ޕާޓީން ބުންޏެވެ.
އެގޮތުން ނިންމިކަންކަމަކީ؛
ޕީ.އެން.ސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން؛
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް މަސައްކަތްކުރުން؛
ޢަދާލަތު ޕާޓީގެ މަޤްޞަދުތަކާއި، ޕާޓީގެ މެންބަރުންގެ ޙައްޤުތަކާއި، ޢަދާލަތު ޕާޓީގެ ދުރު މުސްތަޤްބަލުގެ މަޞްލަޙަތުތަކަށް ރިޢާޔަތްކޮށް ކޯލިޝަނުގައި ބައިވެރިވުމުގެ ޝަރުޠުތަކާއި އިންތިޒާމުތައް ކަނޑައަޅައި، ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 46.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު، ޕީ.އެން.ސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރު ޢަދާލަތު ޕާޓީގެ ރައީސަށް ޙަވާލުކުރުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް