އިސްލާމްވަންތަކާމާއި ދިވެހިވަންތަކަމުގެ ރޫހަކީ، އިޙްތިރާމް ކުރުމާއި ގަދަރުކުރުން: ރައީސް
ލިޔުންތެރިޔާ
އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---
އަޅުގަނޑުމެންގެ އިސްލާމްވަންތަކާއި ދިވެހިވަންތަކަމުގެ ރޫޙަކީ، އިޙްތިރާމް ކުރުމާއި އެކަކު އަނެކަކަށް ޤަދަރުކުރުންކަން އަބަދުވެސް ހަނދާން ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިޙްތިރާމް ކުރުމުގެ ޤައުމީ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ ފުރިހަމަ މުސްލިމް މުޖުތަމަޢަކަށް ވީހިނދު، އެކަކު އަނެކަކަށް ޤަދަރުކުރުމާއެކު އެންމެންގެ ފުރާނައާއި، މުދަލާއި އަބުރުވެސް ރައްކާތެރިކޮށްދޭ ބަޔަކަށް އަޅުގަނޑުމެން ވާންލާޒިމުވާ ކަމުގައެވެ. މީގެއިތުރުން، އެއްވެސް ފަރާތެއްގެ އިންސާނީ ކަރާމާތަށާއި ޤަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ޢަމަލެއް ނުކުރުމަށް ސަމާލުވެތިވުމަށްވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.
އެހެން މީހުންނަށް ދެރަކޮށް ހިތުމާއި، ފުރައްސާރަ ކުރުމާއި، މީހުން ބަދުނާމުވާ ފަދަ ނަންނަމުން ގޮވުމުގެ އިތުރުން މީހުން ދަށްކޮށްލުމުގެ ސަގާފަތުން އެއްކިބާވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، މީހުންގެ ނެތްފަޅީގައި ނުބައި ވާހަކަ ދެއްކުމާއި މަލާމާތްކުރުން ފަދަ ނުރަނގަޅު އާދަތަކާ މުޅިން ދުރުހެލިވުމަށް ޢަޒުމް ކަނޑައެޅުމަށްވެސް ރައީސް ބާރުއެޅުއްވިއެވެ.
ރައީސް އިތުރަށް ސިފަކުރެއްވި ގޮތުގައި، އިޙްތިރާމް ކުރުމަކީ އިންސާނާގެ ކިބައިން ފެންނަ ބޭރުފުށަށް ނުފެންނަ މުހިންމު އިންދުމެކެވެ. އަދި އެ އިންދުމުގެ ސަބަބުން ހެދިބޮޑުވާ ގަސްތަކުން ލިބޭ ފިނި ހިޔަލަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް އިންތިހާއަށް ބޭނުންތެރި އެއްޗެކެވެ.
އިޙްތިރާމް ކުރުމަކީ މުޅި އިންސާނީ ޙަޔާތާ ގުޅިލާމެހިފައިވާ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، އަޅުގަނޑުމެންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، އޮފީސްތަކާއި މަދަރުސާތައް ފަދަ އެންމެހައި ވެށިތަކުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ މައިގަނޑު އަސާސަކީ އިޙްތިރާމް ކުރުން ކަމުގައި ހަދަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އަމިއްލަ ގޭތެރޭގައްޔާއި ޢާއިލީ ގުޅުންތަކުގައި އިޙްތިރާމް ދެމެހެއްޓުމަށާއި، ގާތްތިމާގެ ކަމާއި އެކުވެރިކަމުގެ ތެރޭގައިވެސް ޤަދަރުކުރުން އިސްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ޤައުމުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް އިޙްތިރާމް ކުރުމާއެކު، ޤައުމަށް ލިބިފައިވާ ރީތި ނަމާއި ޢިއްޒަތް ދެމެހެއްޓުމަށްޓަކައި އެކަމަށް އިޙްތިރާމް އަދާކުރަންޖެހޭ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް