ގައުމީ ކްރިކެޓް ޓީމު ފަހު މެޗުގައި ސައުދީ އަތުން ބަލިވެއްޖެ
ލިޔުންތެރިޔާ
ކްރިކެޓް ޓީމު ސައުދީއާ ކުޅުނު މެޗުގެތެރެއިން -- ފޮޓޯ/ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ޓީ20 ވޯލްޑް ކަޕް އޭޝިއާ ސަބް ރީޖަނަލް ކޮލިފަޔަރްގައި މިއަދު ކުޅުނު މެޗުން ސައުދީ އަރަބިއްޔާ އަތުން ދިވެހިރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު 125 ލަނޑުން ބަލިވެއްޖެ އެވެ.
މެޗުގެ ގުރުއަތު ދިމާވުމުން ސައުދީ އަރަބިއްޔާ އެންމެ ފުރަތަމަ ގަސްދުކުރީ ބެޓް ކުރާށެވެ. އެގޮތުން 20 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން އެޓީމުން ވަނީ 194 ލަނޑުގެ ބޮޑު ސްކޯއެއް ހަދާފައެވެ. މި އިނިންގްސްގައި ސައުދީގެ އޯޕަނަރު މުހައްމަދު އާތިފް ދެއްކި މޮޅު ކުޅުމާއެކު، އޭނާއަށް ވަނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައެވެ.
ރާއްޖޭގެ ޝެހެރާޒް އިގްބާލް މި އިނިންސްގައި ދެ ވިކެޓް ނެގި އިރު ނަޒްވާން އިސްމާއިލާއި އަޒްޔާން ފަރުހަތު އަދި ހަރްސާ އަމަރަސިންގޭ ވެސް ވަނީ ވިކެޓެއް ނަގައިފަ އެވެ.
ޖަވާބުގައި ރާއްޖޭގެ ޓީމަށް ސައުދީގެ އުކުންތެރިންނާ ކުރިމަތިލާން ވަރަށް ބޮޑަށް އުނދަގޫވިއެވެ. އެގޮތުން 17.1 އޯވަރުތެރޭ ރާއްޖޭގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 69 ލަނޑެވެ.
ރާއްޖޭގެ ޓީމުން އެންމެ ގިނަ ލަނޑު ހެދީ 20 ބޯޅައިން 15 ލަނޑު ހޯދި ޖަޔަމާލް ޔާޕާއެވެ.
މިއާ އެކު ކޮލިފަޔާސްގައި ރާއްޖެއަށް ހުރި މެޗުތައް ނިމިފައި ވާއިރު، ހަ ޓީމު ވާދަކުރާ ގުރޫޕުގައި ރާއްޖެ ނިންމާލީ ފަސްވަނައިގަ އެވެ. އެންމެ ކުރީގައި ނިންމި ސައުދީ އަރަބިއްޔާ އާއި ހޮންގް ކޮންގް އަދި މެލޭޝިއާ ވަނީ ރީޖަނަލް ފައިނަލަށް ކޮލިފައިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް