ރާއްޖޭގެ އެއްވެސް ބައެއް ބެލެހެއްޓުމަށް، ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނަން: ސަރުކާރު
ލިޔުންތެރިޔާ
ކެބިނެޓުގެ ބައްދަލުވުމެއްގެ ތެރެއިން.
ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބެލެހެއްޓުމަށް ބޭރުގެ އަސްކަރީ ނުވަތަ އެ ނޫން ވެސް ބަޔަކަށް ނުދޭނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދީފި އެވެ.
ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އެ މައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލު ނުކުރެވޭނޭ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ޙައްޤެއް ކަމަށެވެ.
ހަމައެފަދައިން ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ހިމެނޭ ގޮތުން، ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ދިވެހި ދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން އެ ހުދޫދުގެ ތެރެއިން، ދިވެހިރާއްޖޭގެ ސަރަހައްދު ބަލަހައްޓައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމަކީ ދިވެހިން ވަރަށް ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެއް ކަމަށާއި. މިކަމަށް ދިވެހި ތާރީޚު ހެކިދޭ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ދުނިޔޭގެ ޖޯގުރަފީ އަށް ބަލާއިރު، ދިވެހިރާއްޖެ އަކީ އިސްތިރާޖީ ގޮތުން ވަރަށް މުހިންމު ތަނެއްގައި ލައްވާފައިވާ ޤައުމެއް ކަމަށާއި، ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅި ތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރި އާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް، ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުއޮޅި ތަކެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ސަރަހައްދު އަމާންކަމާއެކު ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ދިނުމަކީ ދުނިޔޭގެ ތެލުގެ އަދި އެހެނިހެން ވިޔަފާރިތަކަށް ދިވެހިރާއްޖެ އިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ޚިދުމަތެއް ކަމަށާއި، މިމޭރުމުން ދުނިޔެ އާއި މި ސަރަހައްދުގެ ހަމަޖެހުމަށާއި އަމާންކަމަށް ދިވެހިރާއްޖެ އިން ކޮށްދޭ ވަރަށް މުހިންމު ޚިދުމަތެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ދިވެހިރާއްޖޭގެ ސަރަހައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ހަވާލު ނުކުރުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ. މީގެ އިތުރުން، މި ސިޔާސަތަކީ މި ސަރަހައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތުތަކަށް ފަހި ވެއްޓެއް ޤާއިމުކޮށްދިނުމަށް ދިވެހިރާއްޖެ އިން ގެންގުޅޭ އެހާމެ މުހިންމު ސިޔާސަތެއް ކަމަށް ވެސް ވަނީ ބުނެފައި އެވެ.
ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ހިމެނޭ ގޮތުން، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ގޮތުން ނުވަތަ އެނޫން ވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި މި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނޭ ކަމެއް ކަމަށާއި، އެކަން އެގޮތަށް ނުކުރުމަކީ ދިވެހި ސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމަށް ވަނީ ބުނެފައި އެވެ.
ބަޔާން ނިންމާލާފައި ވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫން ވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭ ކަމުގެ ޔަޤީންކަން ދެމުންނެވެ. އަދި، އެ ނޫން ގޮތަކަށް މޭރުންވެދާނޭ ފަދަޔަކުން ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދައުވަތު ނުދިނުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް