Article Top
ކުޅިވަރު •

ފިލާވަޅުތަކާއެކު މާޒިޔާ މެޗުގައި ޓީސީ ކުރިއެރުން ހޯދާނެ: އާތީ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ފިލާވަޅުތަކާއެކު މާޒިޔާ މެޗުގައި ޓީސީ ކުރިއެރުން ހޯދާނެ: އާތީ

ކޯޗު އާތީ -- ފޮޓޯ/ޕީއެސްއެމް

ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންގެ ކިބައިން ސީޒަން ކުރިއަށް ދާވަރަކުން ފެންނަ އެދެވޭ ބަދަލުތަކާއި ކުރިއެރުންތަކާއެކު ކޯޗު މުހައްމަދު އާތިފް (އާތީ) ޓީމާ މެދު ބޮޑު އުންމީދެއް އެބައޮތް ކަމަށް ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޯޗު އާތީ ބުނީ، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ޓީސީގެ ކުޅުންތެރިން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ކުރީގެ މެޗުތަކުން ފާހަގަވި ކަންކަން ރަނގަޅުކުރުމަށް ކުޅުންތެރިން ކުރި ބުރަ މަސައްކަތް އޭނާ ފާހަގަކުރި އެވެ.

Advertisement
Article Inside

ހަމަ އެއާ އެކު މިދިޔަ ސީޒަނާ ހިލާފަށް ޓީސީ އަކީ މިވަގުތު އަލުން ބިނާކުރަމުން އަންނަ ކްލަބަކަށް ވެފައި، މާޒިޔާ މެޗަކީ ކުޅުންތެރިން ކުރަމުންދާ މަސައްކަތް އިތުރަށް ދިރާސާކޮށް، ރަނގަޅު ކުރަން ޖެހޭ އިތުރު ކަންކަން ދެނެގަތުމަށް މުހިއްމު މެޗެެއް ކަން ކޯޗު ފާހަގަ ކުރި އެވެ.

"އަހަރެމެންނަށް މި ކުރެވުނު މަސައްކަތުގެ ނަތީޖާ، އަހަރެމެންނަށް ދެން ކުރެވޭނޭ މަސައްކަތްތަކަކާ، މި ކަންކަން ޗެކްކޮށްލަން ނޫނީ ރަނގަޅުކުރަން މިއީ ކޮންމެގޮތެއްވިޔަސް ވަރަށް ރަނގަޅު މެޗެއް މާޒިޔާ މެޗަކީ،" އާތީ ބުންޏެވެ.

ޓީސީގެ ސްކޮޑު ލިމިޓް ވެފައި އޮތް އޮތުމާ އެކު ވެސް، ކުޅުންތެރިންގެ މެންޓަލިޓީއާއި ކުރާ ހިތްވަރުގެ ސަބަބުން މި މެޗުން ޕޮޒިޓިވް ނަތީޖާއެއް ނެރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އާތީ ބުންޏެވެ.

މީގެ އިތުރުން، ޓީމުގެ ފިޓްނަސް ލެވެލް މަތިކޮށް، މެޗުގެ ފުރިހަމަ 90 މިނެޓުގައި މައިންޑް ފޯކަސް ހިފެހެއްޓުމަށްޓަކައި ޕްރީ-ސީޒަންގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ޓީމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ކޯޗު ހާމަކުރި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް