ރަސްމާލެއާ ދެކޮޅު ހަދަނީ އިންތިޚާބަށް ދާއިރު ބަލާލާނެ ބަޔަކު ނުވެދާނެތީ، ކޮޅެއްގައި ޖައްސާނަން: މުންދު
ލިޔުންތެރިޔާ
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު)
ރަސްމާލޭގައި ހިންގަން އުޅޭ ބިޔަ ބޮޑު މަޝްރޫއުއާ ދެކޮޅަށް ބަޔަކު ތެދުވެގެން އުޅެނީ، ދެ އަހަރު ފަހުން ރިޔާސީ އިންތިޚާބަށް ދާއިރު ބަލާލާނެ ބަޔަކު ނުވެދާނެތީ ކަމަށާއި، އެ މަޝްރޫއު ކޮޅެއްގައި ޖައްސާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީ އަށް ދެއްވި އިންޓަވިޔުއެއްގައި މުންދު ވިދާޅުވީ، އަބޫދާބީގެ އެންމެ ބޮޑު ތިން ޑިވެލޮޕާގެ ތެރެއިން، އެއް ޑިވެލޮޕާ އަކީ އީގަލް ހިލްސް ކަމަށެވެ. އީގަލް ހިލްސް އިން ރާއްޖޭގައި ހިންގަން އުޅެނީ އެކަމުގެ ފުރަތަމަ މަޝްރޫއު ކަމަށާއި، ރިއަލް އެސްޓޭޓްގެ ޤާނޫނު ހަދައި އެކަން ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެއީ އަލަށް ބަޔަކު އީޖާދު ކުރަން އުޅޭ ކަމެއް ނޫން ކަމަށާއި، ރާއްޖެ އަށް އައު އެއްޗެއް ގެންނަން އުޅެނީ ނޫން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
އެއާއެކު މުންދު ވިދާޅުވީ، އެއީ ދުނިޔޭގެ އެކި ޤައުމުތަކުގައި ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާ ވިޔަފާރީގެ މޮޑެލްއެއް ކަމަށެވެ. މުންދު ވިދާޅުވީ އެފަދަ މަޝްރޫއުތައް ސިންގަޕޫރު އާއި، މެލޭޝިއާ އަދި އިސްލާމީ އެހެން ޤައުމުތަކުގައި ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ މަޝްރޫއުއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަނީ އެއްވެސް ތާކުން ތާކު ނުޖެހޭ، ކޮސް ވާހަކަ ތަކެއް ކަަމަށް ވެސް މުންދު ސިފަކުރެއްވި އެވެ.
އެއް ބަޔަކު އެ ވާހަކަ ދައްކަނީ އެ މީހުންގެ ޣާފިލުކަންމަތީ ތިބެ ކަމަށާއި، އަނެއް ބަޔަކު އެ ވާހަކަ ދައްކަނީ ކަނޑައެޅިގެން ސިޔާސީ ވިސްނުމެއްގައި ކަމަށް މުންދު ވިދާޅުވި އެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި މުންދު ވިދާޅުވީ، މީގެ ކުރިން އެ ފަރާތްތަކުން ވެރިކަން ކުރިއިރު، ދިވެހިރާއްޖެ އަށް އެފަދަ ކުރިއެރުންތަކެއް އައިސްފައި ނެތުން ކަމަށެވެ. އެ ފަރާތްކުން އުޅެނީ ރައްޔިތުންނަށް ރަނގަޅު ގޮތެއް ވެދާނެތީ، އެކަމާ ހިތް ބުރަކޮށްގެން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
މީގެ ދެ އަހަރު ފަހުން، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބާ ހަމައަށްދާއިރު، އެ މީހުންނާ ދިމާލަށް ބަލާލާނެ ބަޔަކު ނުވެދާނެތީ އެކަމާ ކަންބޮޑުވެ، މޭބޮޑުވެގެން އުޅުއްވަނީ ކަމަށް މުންދު ވިދާޅުވި އެވެ. އެކަމުގެ ތެރޭގައި ފާޑު ފާޑުގެ ނަންތައް ހަދައިގެން، މީހުންނަށް ދިމާލަށް އެއްޗިސް ގޮވަމުން ގެންދަނީ އެ ސަބަބާ ހުރެ ކަމަށް މުންދު ވިދާޅުވެފައިވެ އެވެ. އެކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ، ދީނަށްޓަަކައި ކަމެއް ކޮށްފައި އޮތް ނަމަ، އެކަމެއް ކުރެއްވީ މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކަމަށެވެ.
"އެހާ މާތް ބައެއް ނޫނޭ މި އުޅެނީ ނިކުމެ، މި މީހުންނަށް ހެޔޮ ނުބައި ކިޔައިދޭން ނިކުމެ. ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަން. އެހެންވީމާ އެކަން ވަރަށް ސާފޭ، މިކަން އަޅުގަނޑުމެން ކޮޅެއްގައި ޖައްސާނަން. މި މީހުން ވެސް ކޮޅެއްގައި ޖައްސާނެ. މީގެއިން ފައިދާވާނެ ދެ ވަނަ އެހެން ބަޔަކު ނާންނާނެ، ދިވެހިންނަށް ފައިދާވާނީ،" މުންދު ވިދާޅުވި އެވެ.
ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދަން އުޅޭ މަޝްރޫއުއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ އެތައް ދޮގު ވާހަކަ ތަކެއް ދައްކަމުންނެވެ. ސަރުކާރުން ވެސް، އަދި ރައީސް މުޢިއްޒު ވެސް ވަނީ ރަސްމާލޭގައި އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނު އަސާސީ އަދި ޤަވާއިދުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް