ނިއުމަތްތައް ދެމިއޮތުމާއި، ނެތިދިޔުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ޚުޠުބާ
ލިޔުންތެރިޔާ
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދެއްގެ ތެރެއިން.
ނިއުމަތްތައް ދެމިއޮތުމާއި، ނެތިދިޔުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.
ޚުޠުބާގައި ބުނީ، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ނިއުމަތްތަކަށް ޝުކުރުވެރިވުން ކަމަށެވެ. އަދި އަހަރެމެންގެ މައްޗަށްވާ ﷲ تَعَالَىގެ ނިޢުމަތްތަކަކީ ގުނައި އަދަދު ނުކުރެވޭހާ ގިނަގުނަ ނިއުމަތްތަކެއް ކަމަށް ބުނެފައިވެ އެވެ.
މާތް ﷲގެ ނިއުމަތްތަކަށް ޝުކުރުވެރި ވުމަކީ ﷲގެ ފަޟްލުވަންތަ ކަމަށް އިއުތިރާފުވެ، އެ ނިއުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުން ކަަމަށާއި، އެއީ އަޅާގެ ދީނާއި ދުނިޔެ އަށް ހެޔޮކަން ގެނެސްދޭ، އަދި ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމަށް ވެސް ވަނީ ބުނެފައި އެވެ.
މީގެ އިތުރުން މާތް ﷲ އަށް ޝުކުރުވެރިވުމުގެ އިތުރަށް، އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރު އަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހުމިއްޔަތެއް ދީފައިވާ އަޅުކަމެއް ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައި އެވެ. ވަކިން ޚާއްސަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް އަމުރު ކުރައްވާފައިވާ ކަމަށް ޚުޠުބާގައި ވަނީ ފާހަގަކޮށްފައި އެވެ.
ޚުޠުބާގައި ވަނީ މާތް ﷲ ދެއްވަވާ ނިއުމަތްތަކުގެ މަތީން ހަނދުމަ ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި ތިމާ ދަތި ޙާލުގައި ވަނިކޮށް، ﷲގެ ފަޟުލުވަންތަ ކަމުން ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް މީހުންނަށް އެފަދަ ވާހަކަތައް ކިޔައިދީ އުޅެން ވެސް ޚުޠުބާގައި ބުނެފައިވެ އެވެ. އެއީ ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ނިއުމަތްތައް ދެމިއޮތުމާއި ނެތިދިޔުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައި އެވެ. އަދި ޝުކުރުވެރިވާ މީހުންނަށް ނިއުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށާއި، ނިއުމަތްތަކަށް ފުރަގަސްދިން ބަޔަކަށް ގަދަފަދަ އަޛާބު ދެއްވާނެ ކަމަށް ބަޔާން ކުރައްވާފައިވެ އެވެ.
ހަމަ އެހެންމެ، ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓޭނީ، ދުނިޔަވީ ކަންކަމުގައި ތިބާ އަށް ވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ތިބާ އަށް މާތް ﷲ ދެއްވި ނިއުމަތްތަކުގެ މަތިވެރިކަން ވަޒަން ކޮށްގެން ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައި އެވެ. އަދި މީސްތަކުން ކޮށްދޭ ހެޔޮ ކަންކަމަށް ޝުކުރުވެރިވެގެން ކަަމަށާއި، އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވެ، ނިއުމަތްތަކަށް ރައްކާތެރިވެގެން ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައި އެވެ.
ޚުޠުބާގައި ވަނީ ޚާލިޤުވަންތަ ރަސްކަލާނގެ ރުހިވޮޑިގަންނަވާ ކަންކަމުގައި ނިއުމަތްތައް ހޭދަކުރުމަށް ވެސް ބާރުއަޅުއްވައިފަ އެވެ. އަދި ނިއުމަތްތަކަށް ޝުކުރުވެރިވުން ފުރިހަމަވަނީ، އިންސާނާގެ ހިތާއި ދުލާއި ގުނަވަންތައް އެ ކަމުގައި ޝާމިލު ކުރުމުން ކަމަށް ވެސް ވަނީ ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް