ޗައިނާގެ އެހީގައި ތަރައްޤީކުރާ ގްރީން ނާސަރީގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް
ލިޔުންތެރިޔާ
ޗައިނާގައި އެހީގައި ކުރިއަށް ގެންދާ "ގްރީން ނާސަރީ"
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ކުރިއަށް ގެންދާ ޤައުމީ ބޮޑު މަޝްރޫއުގެ ދަށުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޤާއިމުކުރާ "ގްރީން ނާސަރީ" ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ބާރު މިނެއްގައި ކުރިއަށްދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެފި އެވެ.
މި މަޝްރޫއު އަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގަސްގަހާ ގެހި އިތުރުކޮށް، ރާއްޖެ ފެހިކުރުމުގެ މަތިވެރި މަޤުސަދުގައި ފަށާފައިވާ މުހިންމު މަސައްކަތެކެވެ. މިގޮތުން، ޗައިނާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު ތަރައްޤީކުރާ މި ޒަމާނީ ގްރީން ނާސަރީގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓުމެއް ނެތި، ތާވަލާ އެއްގޮތަށް މިހާރު ދަނީ ބާރަށް ކުރިއަށް ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.
މި ނާސަރީ ވެގެންދާނީ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްތަކާއި، ޚާއްސަކޮށް ރާއްޖޭގެ މާހައުލާ ގުޅޭ ދިވެހި ރުއް ގަހާއި، ނެތެމުންދާ ބާވަތްތަކުގެ ގަސްތައް އާލާކޮށް ހެއްދުމަށް އެޅޭ ވަރަށް މުހިންމު ބިންގަލަކަށެވެ.
މި މަޝްރޫއު ފުރިހަމަވެގެން ދިޔުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ގަސް ފަސޭހަކަމާއެކު ލިބިގެންދާނެ އެވެ. އަދި މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ދެމެހެއްޓެނިވި ތަރައްޤީ އަށް ދެ ޤައުމުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާއެއްކަން ވެސް ފާހަގަކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް