Article Top
ޚަބަރު •

4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ނިންމާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ނިންމާލައިފި

4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ފިޝަރީޒް މިނިސްޓްރީ އިން ކުރިއަށް ގެންދިޔަ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން، މިއަހަރު ހިންގި 4 ވަނަ "ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ނިންމާލައިފި އެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އެވެ.

ކ.މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި، އޮކްޓޫބަރު 31 އިން ނޮވެމްބަރު 12 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ކޯހުގައި ރާއްޖޭގެ 9 އަތޮޅަކުން 11 ބައިވެރިން ވަނީ ބައިވެރިވެފައި އެވެ. މިއީ މިއަހަރު މި ސިލްސިލާގެ ދަށުން ބޭއްވުނު 4 ވަނަ ކޯހެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގެ ދަށުން 2027 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ވެސް 4 ކޯސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި އެވެ.

މި ތަމްރީނު ޕްރޮގްރާމް އަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ހަފްތާ 14" މަގު ޗާޓުގައި ހިމެނޭ ވައުދުތަކުގެ ތެރެއިން، ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމު ކުރުމުގެ ފަންނީ ހުނަރާއި، އެކުއަކަލްޗާގެ ދާއިރާ އިން ޒުވާނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ފެށިގެން ކުރިއަށްދާ ޕްރޮގްރާމް އެކެވެ.

މީގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މެރިކަލްޗާގެ ސިނާއަތެއް ބިނާކުރުމަށްޓަކައި، އެ ދާއިރާ އިން ބޭނުންވާ ފަންނީ އަދި ޤާބިލު އިންސާނީ ވަސީލަތް ތަރައްޤީ ކުރުމެވެ.

ފިޝަރީޒް މިނިސްޓްރީ އާއި، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން، ވޯލްޑް ބޭންކުގެ "ޓްރާންސްފޯމް" ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ހިންގާ މި ކޯހުގައި މުހިންމު ދާއިރާ ތަކަކަށް އަލިއަޅުވާލާފައިވެ އެވެ. އޭގެ ތެރޭގައި އެކުއަކަލްޗާ ނިޒާމުތަކާއި، ދިރޭ ކާނާ އުފެއްދުމާއި، ފާނަ އާއި ހުއިފި ލަނޑާ އަދި ކްލައުން ފިޝް (މާގަނޑުމަސް)، އިތާމުތް އަދި ސީވީޑް އާލާ ކުރުމުގެ އިތުރުން، އެ ތަކެއްޗަށް ޖެހޭ ބަލިތައް ދެނެގަނެ ފަރުވާ ކުރާނެ ގޮތްތައް ހިމެނެ އެވެ.

ހަމައެހެންމެ ތިމާވެށްޓާ ރައްޓެހި ގޮތެއްގައި މެރިކަލްޗާ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކުގެ ތިއަރީ މައުލޫމާތާއި، ފާނަ އާއި ހުއިފި ލަނޑާ އަދި މާގަނޑު މަސް އާލާ ކުރުމުގެ އަމަލީ ތަމްރީނު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައި އެވެ.

މީގެ އިތުރުން، މެރިކަލްޗާ އުފެއްދުންތަކަށް ހުރި ވިޔަފާރީގެ ފުރުސަތުތަކާއި، މާކެޓު ކުރާނެ ގޮތްތަކާ ގުޅޭ ޚާއްސަ ސެޝަނެއް ކުރިއަށް ގެންދިޔުމުގެ އިތުރުން، ދާއިރާގެ ޢަމަލީ ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން ބ.ފެހެންދޫގައި އަމިއްލަ ފަރާތަކުން ހިންގާ ސީވީޑް ފާމަކަށް ބައިވެރިން ޒިޔާރަތްކޮށް މައުލޫމާތު ހޯދާފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް