"ޒީރޯ ވޭސްޓް މިއުޒިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ބައިވެރިވެ ވަޑައިގެންފި
ލިޔުންތެރިޔާ
ޒީރޯ ވޭސްޓް މިއުޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ބައިވެރިވެ ވަޑައިގަންނަވަނީ.
ކޮޕް ސަމިޓުގެ ހަވާސާގައި ބޭއްވި "ޒީރޯ ވޭސްޓް މިއުޒިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންފި އެވެ.
މި މިއުޒިއަމް އަކީ "ޒީރޯ ވޭސްޓް މޫވްމަންޓް" އަށް ނުވަ އަހަރު ފުރުމާ ގުޅިގެން، ތުރުކީގައި ބައިނަލްއަޤުވާމީ ފެންވަރުގައި އެ ހަރަކާތުން ހޯދާފައިވާ ކާމިޔާބީތަކާއި، އިޤްތިސާދީ ނިޒާމުގެ ތެރޭގައި ތަކެތި އުކާ ނުލައި އަލުން ބޭނުން ކުރުމުގެ ނުވަތަ "ސާކިއުލާ އިކޮނޮމީ" ގެ އުސޫލުތައް ދައްކަ އިދިނުމަށް ތައްޔާރު ކޮށްފައިވާ ތަނެކެވެ.
މި މިއުޒިއަމްގައި ހުރި މައުރަޒުތަކުން ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި، ތަކެތި ރިސައިކަލް ކުރުމުގެ މަރުހަލާތަކާއި، ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން ވަނީ ދައްކާލާފައި އެވެ. މީގެ އިތުރުން، ތަކެތި އުކާ ނުލައި އަލުން ބޭނުންކުރުމާއި، ކުނި ބޭނުން ކޮށްގެން ފަންނީ އުފެއްދުންތައް ތައްޔާރު ކުރާނެ ގޮތްތައް ވެސް މި މިއުޒިއަމްގައި ހިމަނާފައިވެ އެވެ. އަދި މިއީ އިންޓަރެކްޓިވް ޑިސްޕްލޭތަކާއި، ޑިޖިޓަލް އެޕްލިކޭޝަންތަކުގެ އިތުރުން ތަފާތު ފަންނީ ކުރެހުންތައް ވެސް ފެންނަން ހުރި މިއުޒިއަމް އެކެވެ.
މި ޒިޔާރަތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ މިއުޒިއަމްގެ މައުރަޒުތައް ބައްލަވާލައްވައި، މުސްތަޤުބަލަށް ކުރާ އުންމީދުތައް ހިއްސާކުރުމަށް ހާއްސަކޮ ށްފައިވާ ވިޝް ވޯލް 2035 ގައި މެސެޖެއް ލިޔުއްވާފައި އެވެ. މީގެ އިތުރުން، 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ޒައިތޫނި ގަހެއްގެ ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ "ޕްލެޖް ޓްރީ" ގައި، ތިމާވެށި ހިމާޔަތް ކުރުމަށް ވެވަޑައިގަންނަވާ އިގުރާރުތައް ފަތުގެ ބައްޓަމަށް ހުންނަ ކާޑުތަކުގައި ލިޔުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ވަނީ ހުޅުވާލާފައި އެވެ.
މި މިއުޒިއަމްގެ މައިގަނޑު މަޤުސަދަކީ ތުރުކީ އިން "ޒީރޯ ވޭސްޓް" ނުވަތަ ކުނި މަދުކުރުމުގެ ސިޔާސަތު ކުރިއެރުވުމުގައި ހޯދާފައިވާ ތަޖުރިބާތައް ބައިނަލްއަޤުވާމީ މުޖުތަމައަށް ތައާރަފު ކުރުމެވެ. އަދި ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުން ކުރުމާއި، އުކާލެވޭ ތަކެތި އަލުން ބޭނުން ކުރެވޭނެ އިޤްތިސާދީ ނިޒާމެއް ބިނާކުރުމަށް އާންމުން ހޭލުންތެރިކުރުވުމަކީ ވެސް މި މިއުޒިއަމްގެ މުހިންމު ބޭނުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް