ފަލަސްޠީނުގެ ބޮޑު ވަޒީރަށް ރައީސް މުޢިއްޒު ދެއްވީ، އެ ޤައުމާ އެކު ރާއްޖެ އިން ދެމި އޮންނާނެ ކަމުގެ ޔަޤީންކަން
ލިޔުންތެރިޔާ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ފަލަސްޠީނުގެ ބޮޑު ވަޒީރު އޮކްޓަރު މުޙައްމަދު މުސްޠަފާ.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ބޮޑު ވަޒީރު އޮކްޓަރު މުޙައްމަދު މުސްޠަފާއާ ބައްދަލު ކުރައްވައިފި އެވެ.
ތުރުކީގެ އަންޓަލްޔާގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި ރައީސް މުޢިއްޒު އާއި، ފަލަސްޠީނުގެ ބޮޑު ވަޒީރު ބައްދަލު ކުރެއްވީ ބުރާސްފަތި ދުވަހު އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ އިން އެއްވެސް ޝަރުތަކާ ނުލައި، ސާބިތުކަމާއެކު ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އެންމެ ފުރިހަމަ މާނައިގައި ދެއްވާފައި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި، ކަރާމާތާއި، އިންސާފާއި، އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ހައްޤަށްޓަކައި ކުރަމުންދާ އިންސާފުވެރި ޖިހާދަށް ދިވެހިރާއްޖެ އިން ފުރިހަމަ އަށް ތާއީދު ކުރާކަން އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.
މީގެ އިތުރުން، މި އެއްބާރުލުމަކީ ދިވެހި ޤައުމުގެ ވަރުގަދަ އަޤީދާ އާއި، އިންސާފާއި އިންސާނިއްޔަތު ކަމަށްޓަކައި ރާއްޖެ އިން ޒަމާނުއްސުރެ ގެންގުޅެމުންދާ ސިޔާސަތުތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ.
ހަމައެހެންމެ، ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ، އުނި ނުކުރެވޭނެ ހައްޤުތަކުގެ ދިފާއުގައި ދިވެހިރާއްޖެ އަބަދު ވެސް ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރު ތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް އަކީ ވެރި ރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަޤިއްލު ފަލަސްތީނުގެ ދައުލަތެއް ޤާއިމު ކުރުމުގެ ހައްގު ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި، މިނިވަންކަމާއި، ދާއިމީ ސުލްހަ ލިބެންދެން ދިވެހިރާއްޖެ އިން އެ ޤައުމާއެކު ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ފަލަސްތީނުގެ ރައްޔިތުން ދުވަހަކު ވެސް އެކަނިވެރި ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް