Article Top
ޚަބަރު •

ރައީސް މުޢިއްޒު، ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓާ ޑި ކްރޫއާ ބައްދަލު ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރައީސް މުޢިއްޒު، ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓާ ޑި ކްރޫއާ ބައްދަލު ކުރައްވައިފި

ރައީސް މުޢިއްޒު އާއި، ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓާ އެލެގްޒެންޑާ ޑި ކްރޫ ބައްދަލު ކުރެއްވުމުގެ ތެރެއިން.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އދ.ގެ ތަރައްޤީއާ ބެހޭ ޖަމުއިއްޔާ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެޑްމިނިސްޓްރޭޓާ އެލެގްޒެންޑާ ޑި ކްރޫއާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން ބާއްވާފައި ވަނީ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ފްރޭމްވޯކް ކޮންވެންޝަންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގެ ހަވާސާގައި ބުރާސްފަތި ދުވަހު އެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ދެ ފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންނެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީ އާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ކުރި މަގުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ހިމެނެ އެވެ.

ޔޫއެންޑީޕީ އިން ދިވެހިރާއްޖެ އަށް ދިގު މުއްދަތަކަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައި އެވެ. އަދި ތަރައްޤީގެ މުހިންމު ލަނޑު ދަނޑިތައް ހާސިލު ކުރުމަށާއި، ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯދައިދިނުމަށްޓަކައި، ދެ ފަރާތުގެ ދެމެދުގައި އޮތް ބައިވެރިވުން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން އިސްކަންދޭ ކަމުގެ ޔަޤީންކަން ވެސް ރައީސް މުޢިއްޒު ވަނީ ދެއްްވައިފަ އެވެ.

މި ބައްދަލު ކުރެއްވުން ނިންމަވާލައްވާފައި ވަނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދެ ފަރާތުގެ މެދުގައި އޮތް އެއްބާރުލުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް