ރައީސްކަމުގައި ހުރިއިރު ކެންސަރު ޖެހިފައިކަން އެނގުނު ނަމަ، އިސްތިއުފާ ދޭނަން: ބައިޑަން
ލިޔުންތެރިޔާ
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން.
އެމެރިކާގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވިއިރު، ކެންސަރު ޖެހިފައިކަން އެނގުނު ނަަމަ މަޤާމުން އިސްތިއުފާ ދެއްވީސް ކަަމަށް އެ ޤައުމުގެ ކުރީގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ކަމުގެ ހުވާ ބައިޑަން ކުރެއްވީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. ބައިޑަންގެ ރިޔާސީ ދައުރު ހަމަވާނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އޭގެ ކުރިން 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ބައިޑަން ވަނީ، ދެ ވަނަ ދައުރެއް ހޯއްދެވުމަށް ވާދަ ކުރައްވައިފަ އެވެ.
އެހެން ނަމަވެސް، ޞިއްޙީ ގޮތުން ދިމާވަމުން ދިޔަ މައްސަލަ ތަކާއި، ބައިޑަންގެ ފަރާތުން ފެންނަމުން ދިޔަ އުމުރުން ދުވަސްވުމުގެ ކަންތައްތަކުގެ ސަބަބުން އޭނާ ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފައި އެވެ. އެއާއެކު، ބައިޑަންގެ ބަދަލުގައި ޑިމޮކްރަޓިކް ޕާޓީ އިން ރިޔާސީ ރޭހުގައި ވާދަކުރެއްވީ އޭނާގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ.
ވެރިކަމުން ދުރަށް ވަޑައިގެންނެވި ފަހުން،. ބައިޑަން އަށް ހަތަރު ވަނަ ސްޓޭޖުގެ ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން ވަނީ އެނގިފައި އެވެ. އެއާއެކު، ރިޔާސީ ރޭހުގެ ކެމްޕެއިންގެ ތެރޭގައި ބައިޑަންގެ ފަރާތުން ފެނުނު އާދަޔާ ޚިލާފު ކަންތައްތަކަކީ، ކެންސަރުގެ އަލާމާތަކަށް ވެދާނެ ކަމަށް އޮތީ ބެލެވިފައި އެވެ. އަދި ކެންސަރުގެ ސަބަބުން ބައިޑަންގެ ހަށިގަނޑުގެ އެތެރެ ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެސް ވަނީ ފާހަގަކޮށްފައި އެވެ.
އަންނަ ހަފުތާގެ އަންގާރަ ދުވަހު ނެރޭ ބައިޑަންގެ ފޮތް، "ޕްރޮމިސް މީ، އެމެރިކާ" ގައި ވަނީ އެ ކަންތައްތަކުގެ ވާހަކަ ހިމަނުއްވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ދާދި ފަހުން ދެއްވި އިންޓަވިޔުއެއްގައި ބައިޑަން ވިދާޅުވީ، ވެރިކަމުގައި ހުންނެވިއިރު ކެންސަރު ޖެހިފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި، މާ ކުރިން އެކަން އެނގުނު ނަމަ މަޤާމުން އިސްތިއުފާ ދެއްވީސް ކަމަށެވެ.
"އެކަމުގެ އެއްވެސް ހެއްކެއް އޭރަކު ނެތް. އަހަރެންގެ ހާލު ދެރަވަމުން ދިޔައީ ކެންސަރުގެ ސަބަބުންކަން އެނގުނު ނަމަ، އަހަރެން އިސްތިއުފާ ދިނީސް،" ބައިޑަން ވިދާޅުވިއެވެ. "އަހަރެން ކުރިއަކަށް ނުދިޔައީސް. ސަބަބަކީ ކެންސަރު ޖެހިފައިވާ 80 އަހަރުގެ މީހަކު ރައީސްކަމަށް ކުރިމަތިލުމަކީ ރަނގަޅު ކަމެއް ކަމަށް އަހަރެން ގަބޫލެއް ނުކުރަން. އެކަމަކު އޭރު ހާލަތު އޮތީ އެހެންނެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި އޭރު އެ މަގާމަށް އެންމެ ގާބިލު މީހަކީ އަހަރެން." އެމެރިކާގެ 46 ވަނަ ރައީސް އަދި ކުރީގެ ރައީސް ބަރަކް އޮބާމާގެ ދެ ދައުރުގައި ނައިބު ރައީސްކަން ކުރެއްވި ބައިޑަން ވިދާޅުވި އެވެ.
ބައިޑަންގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން އޭރު އުފެދެމުން ދިޔަ ސުވާލުތަކަށް އޭރު ބައިޑަންގެ ފަރާތުން މާ ބޮޑު ޖަވާބު ތަކެއް ވެސް ދީފައި ނުވެ އެވެ. އޭރު ބައިޑަން އާއި، ބައިޑަންގެ ޓީމުން ވަނީ އޭނާ ހުންނެވީ ޞިއްހީ ގޮތުން ރަނގަޅު ޙާލަތެއްގައި ކަަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް