Article Top
ދުނިޔެ •

ޓްރަމްޕްގެ ފަރާތުން، ބައިޑަން އަށް ލިބުނު އޯގާތެރިކަމުގެ ސިޓީ!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޓްރަމްޕްގެ ފަރާތުން، ބައިޑަން އަށް ލިބުނު އޯގާތެރިކަމުގެ ސިޓީ!

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ކުރީގެ ރައީސް ޖޯ ބައިޑަން.

2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ހުވާކުރުމުގެ ރަސްމިއްޔާތުގައި، އޭރު ވެރިކަމުގެ ދުރަށް ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިނުގެންނެވި ނަމަވެސް، ރިޔާސީ ގަނޑުވަރު އޯވަލް އޮފީހުގައި އޭނާ ވަނީ ބައިޑަން އަށް ހީނުކުރާ ފަދަ އޯގާތެރި އަތުން ލިޔެފައިވާ ސިޓީއެއް ދޫކުރައްވާފައި އެވެ.

އެ ސިޓީގައި ޓްރަމްޕް ވަނީ ބައިޑަން އަކީ ތާރީޚުގައި ފާހަގަ ކޮށްލެވޭނެ ފަދަ ޚިދުމަތްތަކެއް ކުރައްވާނެ ބޭފުޅެއް ކަމަށް ލަފާކުރައްވާފައި އެވެ.

ބައިޑަން މަގާމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު އެ ސިޓީ އަކީ ވަރަށް "ދީލަތި" ސިޓީއެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އަންނަ އަންގާރަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ބައިޑަންގެ ހަނދާނީ ފޮތް "ޕްރޮމިސް މީ، އެމެރިކާ" ގައި އެ ސިޓީގެ ތަފްސީލުތައް ވަނީ ހިމަނާފައި އެވެ. މި ސިޓީގެ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވަނީ ނިއުޔޯކް ޓައިމްސް އިންނެވެ.

ޓްރަމްޕްގެ ސިޓީގައި ލިޔުއްވާފައިވަނީ، މީގެ ކުރިން ވެސް ރިޕަބްލިކަން ނުވަތަ ޑިމޮކްރެޓް ޕާޓީގެ ފިކުރުގައި ގައުމު ހިންގެވި ގިނަ ރައީސުން ތަކެއް ވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބޭފުޅުންނަށް ތާރީޚު ބަދަލުކޮށްލެވިފައި ނުވާ ކަމަށާއި، އެ ބޭފުޅުން އޮޔާ ދިޔައީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، ބައިޑަން އެމެރިކާގެ ރައްޔިތުން ދެކެ ލޯބިވާ މިންވަރު އެނގޭތީ، ބައިޑަން އަށް އެފަދަ ގޮތެއް ނުވާނެ ކަމަށް ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

ބައިޑަން އަށް އިހުސާސް ކުރެވުނު ގޮތުގައި ޑޮނަލްޑް ޓްރަމްޕްގެ ދެ ޝަޚުސިއްޔަތެއް އުޅެ އެވެ. އޭގެ ތެރެއިން އެކަކީ އިންތިޚާބުން ވީ ބަލި ގަބޫލު ނުކޮށް، ޖެނުއަރީ 6 ވަނަ ދުވަހު ކެޕިޓަލް ހިލް އަށް ދިން ހަމަލާއާ ހަމައަށް ކަންކަން ގެންދިޔަ މީހާ އެވެ. އަނެއް މީހަކީ ގާތް ރަހުމަތްތެރިއެއްގެ ފަރާތުން ފެންނާނެ ފަދަ އޯގާތެރިކަމާއެކު ސިޓީ ލިޔުއްވި މީހާ އެވެ.

"ދި އެޓްލާންޓިކް" މަޖައްލާގައި ޝާއިއު ކޮށްފައިވާ ބައިޑަންގެ ހަނދާނީ ފޮތުގެ ބައެއްގައި ވާގޮތުން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިޚާބުވުމާ ގުޅިގެން އޯވަލް އޮފީހުން ބައްދަލުވިއިރު، ޓްރަމްޕްގެ ކިބައިން އެ އޯގާތެރިކަން އަލުން ފެނުނު ކަމަށް ބައިޑަން ހަނދާން އައު ކުރެއްވި އެވެ.

ބައިޑަން ލިޔުއްވާފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ޓްރަމްޕް ވަރަށް ގިނައިން ވާހަކަ ދެއްކެވި އެވެ. އަދި ޓްރަމްޕް ވާހަކަ ދެއްކެވި ގާތް ރާގުގެ ސަބަބުން، އެއީ އޭނާ މަޖަލަކަށް ކުރެއްވި ކަމެއް ބާވައޭ ހިތަށް އެރި ކަމަށް ބައިޑަން ވިދާޅުވި އެވެ. އެއީ މާ ބޮޑަށް ދޫދީގެން ދެއްކެވި ވާހަކަތަކެއްގެ ގޮތުގައި ބައިޑަން ސިފަކުރެއްވި އެވެ.

މި ދެ ބޭފުޅުންގެ މެދުގައި ފެނުނު މި އޯގާތެރިކަމަކީ، އެކަކު އަނެކަކީ އެމެރިކާ އަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިޔާސީ މައިދާނުގައި ސިފަ ކުރަމުން ދިޔަ ދިއުމާ މުޅިން އިދިކޮޅު ކަމެކެވެ.

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ ބައިޑަން އަކީ އެމެރިކާގެ ތާރީޚު ދުށް "އެންމެ ނުބައި ކެންޑިޑޭޓް" ކަމަށް ވިދާޅުވެފައި އެވެ. އަދި ބައިޑަންގެ ވެރިކަމެއްގައި އެމެރިކާގެ ސިޓީ ތަކުގައި ހަމަނުޖެހުން އުފެދޭނެ ކަމުގެ އިންޒާރު ދީ، ބައިޑަންގެ ސިއްހީ ހާލަތާ މެދު ސުވާލު އުފައްދައި، ކޮރަޕްޝަނުގެ ތުހުމަތުތައް ވެސް ކުރެއްވި އެވެ.

އަނެއްކޮޅުން ބައިޑަން ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އަޔޯވާގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި، ޓްރަމްޕް އަކީ އެމެރިކާގެ އަގުތައް ނަގާލައި ގައުމު ބައިބައި ކުރާ، ގައުމުގެ "ވުޖޫދަށް އޮތް ނުރައްކަލެއް" ކަމަށް ވިދާޅުވެފައި އެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގެ އިންތިޚާބަކީ އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށް ޓްރަމްޕް އަދިވެސް ދޮގު ދައުވާ ކުރައްވަމުން ގެންދަވަ އެވެ.

2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ވައިޓް ހައުސްގެ ވެސްޓް ވިންގްގައި ޓްރަމްޕް އިފްތިތާހު ކުރެއްވި "ޕްރެޒިޑެންޝަލް ވޯކް އޮފް ފޭމް" ގައި ބައިޑަން އަށް ޚާއްސަ ކޮށްފައިވާ ފްރޭމްގައި ހުރީ އޮޓޯޕެންއަކުން ސޮއިކުރާ މަންޒަރު ފެންނަ ފޮޓޯ އެކެވެ. މިއީ ބައިޑަން އަކީ ގައުމު ހިންގޭ ފަދަ ސިއްހީ ހާލަތެއްގައި ހުރި ބޭފުޅެއް ނޫން ކަމަށާއި، އޭނާގެ ބަދަލުގައި ކަންކަން ކުރަނީ އެހީތެރިން ކަމަށް ބުނެ ޓްރަމްޕް ކުރައްވާ ތުހުމަތުތަކަށް އިޝާރާތްކޮށް ހަރުކޮށްފައިވާ ފޮޓޯ އެކެވެ.

ބައިޑަން އާދީއްތަ ދުވަހު އިއުލާން ކުރެއްވި ގޮތުގައި، އޭނާ އަށް ޖެހިފައިވާ ހަތަރު ވަނަ ސްޓޭޖުގެ ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާއާ ގުޅިގެން، ހަނދާނީ ފޮތް އިޝްތިހާރު ކުރުމަށް ކުރައްވާ ދަތުރުތައް މަދުކުރައްވާނެ އެވެ. ބުދަ ދުވަހު "ޕީޕަލް" މަޖައްލާ އަށް ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ، ދެ ޓެސްޓަކުން ދައްކާ ގޮތުގައި ކެންސަރު އިތުރަށް ފެތުރިފައި ނުވެ އެވެ.

2025 ވަނަ އަހަރުގެ މެއި މަހު ބައިޑަން ހާމަކުރެއްވި ގޮތުގައި، ކެންސަރު ވަނީ އޭނާގެ ކަށިތަކަށް ފެތުރިފައި އެވެ. އޭނާ މިހާރު ދުވާލަކު އަށް ގުޅަ ބޭސް ބޭނުން ކުރައްވަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް