ފަލަސްޠީން، މެލޭޝިއާ، ޕާކިސްތާން އަދި އެމެރިކާ ހިމެނޭހެން ޤައުމުތަކުގެ އިސްވެރިންނާ ރައީސް މުޢިއްޒު ބައްދަލު ކުރައްވައިފި
ލިޔުންތެރިޔާ
ފަލަސްޠީނުގެ ބޮޑު ވަޒީރު ޑޮކްޓަރު މުޙައްމަދު މުޞްޠަފާ އާއި ރައީސް މުޢިއްޒު.
އެކުވެރި ދައުލަތްތަކުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ސަމިޓް (ކޮޕް31)ގެ ހަވާސާގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގިނަ ޤައުމުތަކެއްގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ.
ތުރުކީގައި ކުރިއަށް ދިޔަ މި ސަމިޓުގެ ހަވާސާގައި ރައީސް މުޢިއްްޒު ވަނީ، ފަލަސްޠީން އާއި، މެލޭޝިއާ އާއި، ޕާކިސްތާން، އަދި އެމެރިކާގެ އިތުރުން، އެހެން ޤައުމުތަކުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
އެގޮތުން ރައީސް މުޢިއްޒު ވަނީ މެލޭޝިއާގެ ކުރީގެ 16 ވަނަ ރަސްގެފާނު، ސުލްޠާން ޢަބްދުﷲ އޮފް ފަހަންގް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޓުންކޫ އަޒީޒާ އޮފް ފަހަންގް އާއި، ސޯމާލިއާގެ ރައީސް ޑޮކްޓަރު ޙަސަން ޝެއިޚް މަޙްމޫދު އާއި، ތުރުކީގެ ނައިބު ރައީސް ޖެވްދެތު ޔިލްމާޒް އާއި، ފަލަސްޠީނުގެ ބޮޑު ވަޒީރު ޑޮކްޓަރު މުޙައްމަދު މުޞްޠަފާ އާއި، އެ ގައުމުގެ ފޮރިން މިނިސްޓަރު ޑޮކްޓަރު ވަރްސެން އަޣާބެކިއަން ޝާހީން އާއި، ޕާކިސްތާންގެ ބޮޑު ވަޒީރު މިއާން މުޙައްމަދު ޝެހްބާޒް ޝަރީފް އާއި، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި މޫސުމީ ބަދަލުތަކާ ބެހޭ އެމެރިކާގެ ރައީސްގެ ކުރީގެ ހާއްސަ މަންދޫބު ޖޯން ކެރީއާ އަދި ޗައިނާގެ ނައިބު ރައީސް ހާން ޒެންގްއާ ބައްދަލު ކުރައްވައިފަ އެވެ.
މީގެ އިތުރުން ވެސް ރައީސް މުޢިއްޒު ވަނީ އެންޓީގާ އެންޑް ބާބިއުޑާގެ ބޮޑު ވަޒީރު ގްރެސްޓަން ބްރައުން އާއި، ބާބޭޑޯސްގެ ބޮޑު ވަޒީރު މިއާ އަމޯ މޮޓްލީއާ އާއި، ބަންގްލަދޭޝްގެ ބޮޑު ވަޒީރު ތާރިގް ރަހުމާން އަދި ރަޝިޔާގެ ރައީސްގެ ޚާއްސަ މަންދޫބު ރުސްލާން އެޑެލްގެރިއޭވްއާ ބައްދަލު ކުރައްވައިފަ އެވެ.
ހަމައެހެންމެ، ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާއާ ވެސް ރައީސް މުޢިއްޒު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
31 ވަނަ ކޮޕް ސަމިޓުގައި ބުދަ ދުވަހު ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ރަސްމީ ބަޔާން ވެސް އިއްވަވައިފަ އެވެ. އެ ބަޔާނުގަައި ރައީސް ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި، ބައިނަލްއަޤުވާމީ މުޖުތަމުއުގެ އެއްބާރުލުމާއި، ޤައުމުތަކުން އިލްތިޒާމުތަކަށް އިޙުތިރާމް ކުރެއްވުމަށް ވެސް ގޮވާލައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް