Article Top
ކުޅިވަރު •

ބޮޑު ދެ ބައްޔާއެކު ޔޫތު ފުޓްބޯޅައިގެ ގޮންޖެހުންތައް ސާފު!

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ބޮޑު ދެ ބައްޔާއެކު ޔޫތު ފުޓްބޯޅައިގެ ގޮންޖެހުންތައް ސާފު!

ރާއްޖެ އާއި ހޮންގް ކޮންގް އިއްޔެ ކުޅުނު މެޗުގެތެރެއިން -- ފޮޓޯ/އޭއެފްސީ

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް 2027 ގެ ކޮލިފައިންގައި ބާކީ އޮތް ދެ މެޗަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތައްޔާރުވަމުންދާއިރު، ގްރޫޕް ބީގައި ޖެހިޖެހިގެން ލިބުނު ބޮޑު ދެ ބައްޔާއެކު ރާއްޖޭގެ ޔޫތު ފުޓްބޯޅައިގެ އޮނިގަނޑުގައި ހުރި ބޮޑެތި ހުރަސްތައް ވަނީ ހާމަވެފަ އެވެ.

އާދީއްތަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ޗައިނީޒް ޓައިޕޭ އަތުން 5-0 އިން ބަލިވުމަށްފަހު، އިއްޔެ ހޮންގް ކޮންގް އާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޒުވާން ޓީމު ވަނީ 9-0 އިން ބަލިވެފަ އެވެ. ކުޅުނު ދެ މެޗުން 14 ގޯލު ބައިކޮޅަށް ވަދެ، އެންމެ ގޯލެއްވެސް ނުޖެހި ރާއްޖެ އޮތީ ފަސް ޓީމު ހިމެނޭ ގްރޫޕުގެ އެންމެ ފުލުގަ އެވެ. ކުރިއަށް ދެން އޮތީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ތައިލެންޑާއި، ސަރަހައްދީ ގަދަބާރެއް ކަމަށްވާ އިރާގާ ދެކޮޅަށް ކުޅެންޖެހޭ އުނދަގޫ ދެ މެޗެވެ.

ތައިލެންޑުގައި ކުރިއަށްދާ ކޮލިފައިން ގުރޫޕް ބީގައި ފެނުނު މި ނަތީޖާތަކަކީ ރާއްޖޭގެ ސަޕޯޓަރުންނަށް ބަލައިގަންނަން އުނދަގޫ ނަތީޖާތަކަކަށް ވީނަމަވެސް، ޓީމުގެ ތައްޔާރީތަކާއި ސްކޮޑު އެކުލެވިގެންވާ ގޮތަށް ބަލާއިރު މިއީ ތަފާތު ވާހަކައެކެވެ.

މި ކޮލިފައިންއަކީ ހެޑް ކޯޗު އިބްރާހިމް ސައީދު ގައުމީ ޓީމެއްގެ ހެޑް ކޯޗުކަން ކުރާ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި 17 އަހަރުން ދަށުގެ ވަކި ހާއްސަ ލީގެއް ނެތި ޓީމާ ހަވާލުވެ، ސައީދަށް ޓީމު އެކުލަވާލައި ތައްޔާރުކުރަން ޖެހުނީ ލޯކަލް ކްލަބުތަކާއެކު ކުޅުނު ޕްރެކްޓިސް މެޗުތަކަށް ބަރޯސާވެގެންނެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ހަމައެކަނި ތައްޔާރީއަކީ މާލޭގައި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗެވެ. އެ ދެ މެޗުގައި ރާއްޖޭގެ ޓީމުން ވަނީ ކުރިއެރުން ދައްކައިފަ އެވެ. އެގޮތުން ފުރަތަމަ މެޗުން 5-0 އިން ބަލިވި އިރު، ދެވަނަ މެޗުގައި 3-0 އިން ބަލިވި ނަމަވެސް ރަނގަޅު ވާދައެއް ކުރި އެވެ.

ހޮންގް ކޮންގާ ދެކޮޅަށް ކުޅުނު ރާއްޖޭގެ 17 އަހަރުން ދަށުގެ ފުރަތަމައެގާރަ -- ފޮޓޯ/އޭއެފްސީ
ހޮންގް ކޮންގާ ދެކޮޅަށް ކުޅުނު ރާއްޖޭގެ 17 އަހަރުން ދަށުގެ ފުރަތަމައެގާރަ -- ފޮޓޯ/އޭއެފްސީ

މީގެ އިތުރުން، ޓީމު ތައްޔާރު ކުރަމުން ގެންދިޔަ ދުވަސްވަރު ކުރިއަށް ދިޔައީ 14 އަހަރުން ދަށުގެ ލީގެވެ. ހަމަ އެއާ އެކު 15 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް ވެސް ކުރިއަށް ދިޔައިރު އެ މުބާރާތުގައި ރާއްޖޭގެ ޓީމް ވާދަ ކުރި އެވެ. އެގޮތުން 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ބައިވެރިވި ސްކޮޑުގެ ބައެއް ކުޅުންތެރިން ވެސް 17 އަހަރުން ދަށުގެ ޓީމުގައި ހިމަނާފައިވެ އެވެ. މިއާއެކު އުމުރުން ހަގު ސްކޮޑަކަށް ވާދަކުރަން ޖެހިފައިވަނީ އޭޝިއާގެ ފުލްޓައިމް އެކަޑަމީތަކުގައި ތަމްރީނުވެފައިވާ، ވަރުގަދަ ކުޅުންތެރިންތަކަކާ އެވެ.

ޓެކްޓިކަލް ގޮތުންނާއި ހުރިހާ ގޮތަކުން ވެސް ރާއްޖޭގެ ކުޅުންތެރިންނާ ހުރި ފަރަގު ހޮންގް ކޮންގް މެޗުގައި ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ. ގޯލްކީޕަރު އަހުމަދު އަޝްހަމް އާތިފްގެ ހުޝިޔާރު ސޭވްތަކާއެކު ފުރަތަމަ 20 މިނެޓުގައި ރާއްޖޭގެ ޓީމުން ރަނގަޅު ޑިފެންސިވް ކުޅުމެއް ދެއްކި ނަމަވެސް، 22 ވަނަ މިނެޓުގައި ހޮންގް ކޮންގް ލަނޑެއް ޖަހައި ލީޑު ނެގުމާ އެކު ރާއްޖޭގެ ޑިފެންސް ރޫޅިގެންދިޔަ އެވެ. ސެޓްޕީސްތަކުގައި ޑިފެންސް ކުރުމުގައި ހުރި ބަލިކަށިކަމާއި، ހާފު ނިމެން ކައިރިވެފައި ވަނިކޮށް އަދި ދެވަނަ ހާފު ފެށުނުތަނާ ސަމާލުކަން ގެއްލުމުގެ ސަބަބުން މެޗުގެ ނަތީޖާ ބޮޑު ތަފާތަކަށް ބަދަލުވެގެންދިޔަ އެވެ.

ރާއްޖެ އާއި ހޮންގް ކޮންގް އިއްޔެ ކުޅުނު މެޗުގެތެރެއިން -- ފޮޓޯ/އޭއެފްސީ
ރާއްޖެ އާއި ހޮންގް ކޮންގް އިއްޔެ ކުޅުނު މެޗުގެތެރެއިން -- ފޮޓޯ/އޭއެފްސީ

ހާއްސަ ގޮތެއްގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަކީ ބައިނަލްއަގުވާމީ ރަނގަޅު ތަޖުރިބާއެއް ނެތި ކޮލިފައިންތަކަށް ފޮނުވާ ޓީމުތަކެކެވެ. މިއާ އެކު މުބާރާތްތަކަށް ކޮލިފައި ވުމުގެ ބަދަލުގައި، ކޮލިފައިން މެޗުތަކުގެ އަމާޒަކަށް ވެފައި ވަނީ ރަނގަޅު ތަޖުރިބާ ހޯދައި ކުރިިއެރުން ހޯދުމެވެ.

އެފްއޭއެމްގެ ފަރާތުން ޔޫތު ފުޓްބޯޅައަށް ދޭންޖެހޭ އެންމެ އެކަށީގެންވާ ސަމާލުކަން ނުދެވި، އުމުރުފުރާތަކުގެ ލީގުތައް ގަވާއިދުން ނުބޭއްވުމާއި ބައިނަލްއަގުވާމީ މެޗުތައް ހޯދައިނުދެވުމުގެ ނަތީޖާ މިއަދު މި ފެންނަނީ ދަނޑުމަތިންނެވެ. އެކަށީގެންވާ ޕްލޭނަކާއި ތައްޔާރީއަކާ ނުލައި، ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމުގެ ނަމުގައި ޓީމުތައް ފޮނުވުމަކީ ޒުވާން ކުޅުންތެރިންނަށް ކުރެވޭ ބޮޑު ބޭއިންސާފެކެވެ.

މި ހުރިހާ ގޮންޖެހުންތަކާއެކުވެސް، ހޮނިހިރު ދުވަހު މުބާރާތް ބާއްވާ ތައިލެންޑާ ދެކޮޅަށް އަދި އަންނަ އަންގާރަ ދުވަހު ވަރުގަދަ އިރާގާ ދެކޮޅަށް ކުޅެން އޮތް ފަހު ދެ މެޗުގައި ކޯޗު އިބްރާހިމް ސައީދާއި ކުޅުންތެރިންގެ އަމާޒަކަށް ވާނީ ވީހާވެސް ބޮޑަށް ޑިފެންސް ރަނގަޅުކޮށް، ކުރީ ދެ މެޗުގައި ހެދުނު ގޯސްތައް މަދުކުރުމެވެ. ނަތީޖާއަށް ވުރެ ބޮޑަށް، މެޗުން މެޗަށް ކުޅުން ރަނގަޅުކޮށް، މި ފެންވަރުގެ ޓީމުތަކާ ދެކޮޅަށް ކުޅެގެން ލިބޭ ތަޖުރިބާގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މާލެ އެނބުރި އައުމުގެ ކުރިން ޓީމުން ހާސިލުކުރަން ބޭނުންވާނެ އެންމެ މުހިންމު ކަންތަކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް