Article Top
ކުޅިވަރު •

ބައިނަލްއަގުވާމީ ފެންވަރުގެ ފިޓްނަސްއެއް ރާއްޖެއަކު ނެތް: އުރުބާނީ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ބައިނަލްއަގުވާމީ ފެންވަރުގެ ފިޓްނަސްއެއް ރާއްޖެއަކު ނެތް: އުރުބާނީ

އުރުބާނީ އިއްޔެގެ މެޗަށް ފަހު އޮތް ޕްރެސްގައި -- ފޮޓޯ/ސިޑިބަރި

ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރަން ބޭނުންވާ ބާރުމިނާއި، ހައި އިންޓެންސިޓީގައި ދުވާނެ ފިޒިކަލް ފިޓްނަސްއެއް ދިވެހި ޓީމުގައި ނެތްކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން 1-0 އިން ރާއްޖެ ބަލިވެ، މުބާރާތުން ކެޓި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުރުބާނީ ވަނީ ދިވެހި ކުޅުންތެރިންގެ ފިޒިކަލް ގާބިލުކަމާއި އެޓޭކިން ވިސްނުމުގެ ބަލިކަށިކަން ފާހަގަކޮށްފަ އެވެ.

އުރުބާނީ ބުނި ގޮތުގައި، މެޗުގެ ދެވަނަ ހާފުގައި ގޯލެއް ޖެހުމަށް ރާއްޖޭން މަސައްކަތް ކުރި ނަމަވެސް، އިދިކޮޅު ޑިފެންޑަރުންނަށް ނުރައްކާ ކުރެވޭ ފަދަ އެޓޭކިން ރަނގަޅު ރަންތަކެއް ކުޅުންތެރިންގެ ފަރާތުން ނުފެނެ އެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި "ހައި އިންޓެންސިޓީ ރަން" ނުވަތަ ބާރު ދުވެލީގައި ތަކުރާރުކޮށް ދުވުމުގެ ފިޒިކަލް ގާބިލުކަން ޓީމުގައި ނެތްކަމަށް އޭނާ އެއްބަސްވި އެވެ.

"ދެވަނަ ހާފު އަހަރެމެން ކުޅުނީ ވަރަށް އިންޓެންސް ގޭމެއް. އަހަރެން ވަރަށް އުފާކުރަން ޒުވާން ކުޅުންތެރިންގެ ކުޅުމަށްވެސް. އަހަރެމެންގެ ޓީމަށް އިންޓަނޭޝަނަލް ލެވެލްގައި ހައި އިންޓެންސިޓީ ރަންތަކެއް ނުނެގޭ. އެކަމަށް ވިސްނާނަން،" އުރުބާނީ ބުންޏެވެ.

މި ބައްޔާ އެކު ޖެހިޖެހިގެން ދެވަނަ ފަހަރަށް ރާއްޖެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓާފައި ވާއިރު، މިއީ ސާފްގެ ތާރީހުގައި ވެސް ގޯލެއް ނުޖެހި ރާއްޖެއަށް މުބާރާތް ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ޕާކިސްތާން އަތުން 3-0 އިން ބަލިވެފައެވެ.

ގައުމީ ފުޓްބޯޅަ ޓީމާއި 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމާ ހަވާލުވެހުރެ އުރުބާނީ އިރުޝާދުދިން 12 މެޗުގެ ތެރެއިން ރާއްޖެއަށް މޮޅެއް ލިބުނީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުންނެވެ. މި މުއްދަތުގެ ތެރޭގައި 8 މެޗުން ބަލިވެފައިވާއިރު، 3 މެޗު ވަނީ އެއްވަރުވެފަ އެވެ.

މީގެ ތެރެއިން ސީނިއާ ގައުމީ ޓީމު ކުޅުނު 9 މެޗުގައި ޖެހުނީ އެންމެ 3 ލަނޑެވެ. އޭގެތެރެއިން ދެ ލަނޑަކީ ޕެނަލްޓީން ޖެހި ލަނޑުތަކެކެވެ؛ އެއީ މާޗު މަހު ޓިމޯ ލެސްޓޭ ކޮޅަށް މުހައްމަދު އިރުފާން (އިރޭ) ޖެހި ލަނޑަކާއި، ހަމަ އެ މެޗުގައި ސެންޓޭ ވައްދާލައި ޕެނަލްޓީއެއްގެ އިތުރުން، ޖޫން މަހު ޑައިމަންޑް ޖުބިލީ މުބާރާތުގައި ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ކޮޅަށް ސެންޓޭ ޖެހި ޕެނަލްޓީ އެވެ. އެންމެ ފަހުން ކުޅުނު 5 މެޗުގައި އެއްވެސް ލަނޑެއް ނުޖެހި ބަލިވެފައިވާއިރު، ޗައިނާ، ކިރްގިސްތާން، ލެބަނަން، ޕާކިސްތާން އަދި އިންޑިއާ އާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ރާއްޖެ ކޮޅަށް 18 ލަނޑު ވަދެފައިވެ އެވެ.

އުރުބާނީ ވަނީ މީގެ ކުރިން 2009، 2011 އަދި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެއަށް ކޯޗުކަން ކޮށްދީފަ އެވެ. އޭގެތެރެއިން 2009 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ފައިނަލުން އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީން ބަލިވިއިރު، 2011 ގައި އިންޑިއާގައި އަދި 2013 ގައި ނޭޕާލުގައި ބޭއްވި މުބާރާތްތަކުން ރާއްޖެ ކެޓީ ސެމީ ފައިނަލުގައި އިންޑިއާ އަތުންނެވެ. އަދި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވެސް ސެމީ އަށް ނުދެވި ކެޓީ ފަހު މެޗުގައި އިއްޔެ އިންޑިއާ އަތްދަށުވެގެންނެވެ.

ދަށް ނަތީޖާތަކާއެކު މަގާމުން އިސްތިއުފާ ދިނުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އުރުބާނީ ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. އޭނާ ބުނީ އެ ސުވާލުތަކަށް ޖަވާބު ދޭނީ އެނބުރި މާލެ ގޮސްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް