ފޯބްސް އިން ހޮވާ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ބީއެމްއެލްގެ ސީއީއޯ މުހައްމައު ޝަރީފްއާއި، ރައީސް ޑރ. މުއިއްޒު ---
ފޯބްސް އިން ހޮވި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖާގަ ލިބިއްޖެއެވެ.
މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި 89 ގައުމަކުން ހޮވުނު 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނެއެވެ. މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން، ދުނިޔޭގެ ނަން މަޝްހޫރު ބޭންކުތަކާ އެއް ސަފެއްގައި ރާއްޖޭގެ މާލީ އިދާރާއެއް ހިމެނިގެންދިޔަ ތާރީޚީ ކާމިޔާބީއެކެވެ.
ފޯބްސް އާއި ސްޓެޓިސްޓާ ގުޅިގެން އެކުލަވައިލި "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026" ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ.
އެއީ ފައިދާލިބޭ މިންވަރު، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ. މި ރޭންކިން އެކުލަވައިލުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތަފާސްހިސާބުތަކާއި، ބޭންކުތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކުގެ އިތުރުން މިނިވަން ދިރާސާތަކަށް ރިއާޔަތްކޮށްފައިވެއެވެ.
މި ލިސްޓު ހަ ގިންތިއަކަށް ބަހާލެވިފައިވާއިރު، ޓިއަރ 1 ގައި ޖޭޕީ މޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ބޭންކް ފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް ހިމެނެއެވެ.
ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް ތިން ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަ ވަނަ ފަންތީގަ އެވެ. މި ޓިއަގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.
ބީއެމްއެލް އިން ބުނީ، މި ކާމިޔާބީން ދޭހަކޮށްދެނީ މިއަދުގެ ބަދަލުވަމުންދާ ދުނިޔޭގެ ބޭންކިން މާހައުލުގައި ބީއެމްއެލްގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ލޯނު ދޫކުރުމުގެ އުސޫލުތަކުގެ އިތުރުން، ދެމެހެއްޓެނިވި ކުރިއެރުމާއި ބޭންކުގެ ބެލެންސް ޝީޓުގެ ހަރުދަނާކަން ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެފަދަ ރޭންކިން އެއްގައި ހިމެނުމުން އެ ބޭންކްގެ ވަރުގަދަކަމާއި ފުދުންތެރި ރައުސުލްމާލެއް އޮތް މިންވަރު ޔަގީންކޮށްދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް