"އަންޓާލިއާ ލީޑާސް ސަމިޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެ ވަޑައިގެންފި
ލިޔުންތެރިޔާ
"އަންޓާލިއާ ލީޑާސް ސަމިޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ.
ތުރުކީގެ އަންޓާލިއާގައި ބޭއްވި "އަންޓާލިއާ ލީޑާސް ސަމިޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންފި އެވެ.
ރައީސް މުޢިއްޒު މިހާރު ތުރުކީގެ އަންޓާލިއާ އަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ، ނޮވެމްބަރު 10 އިން 14 އަށް ބާއްވާ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ފްރޭމްވޯކް ކޮންވެންޝަން (ޔޫއެންއެފްސީސީސީ) ގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ރައީސް މުޢިއްޒު ވަނީ އެހެން ޤައުމު ތަކުގެ އިސްވެރިންނާއެކު ރަސްމީ ފޮޓޯއެއްގައި ބައިވެރިވެ ވަޑައިގެންފައި އެވެ.
ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ އިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ތަގުރީރު ކުރައްވާފައި އެވެ.
"ދެމެހެއްޓެނިވި، ތަހައްމަލު ކުރެވޭ އަދި ހަމަހަމަ މުސްތަޤުބަލަކަށް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް ވަރުގަދަކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ދުނިޔޭގެ ލީޑަރުން އެއްތަންވާ ސަމިޓެކެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭ ކަންކަމުގެ ތެރޭގައި ސާފު ހަކަތަ އަށް ބަދަލުވުމާއި، މުޅި ދުނިޔެ އަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސިޓީތައް ފަރުމާކުރުމާ ބެހޭ ކަންކަން ހިމެނެ އެވެ.
ރައީސް މުޢިއްޒު ތުރުކީ އަށް ކުރައްވާ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް