ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފަސްޓް ލޭޑީ ސާޖިދާ ފޮނުއްވައިފި
ލިޔުންތެރިޔާ
2025 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙަައްމަދު ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ލޮބުވެތި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދެމުން، ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ޖުމްހޫރީ ވެރިކަމުގެ ހިޔަލުގައި، ދިވެހި ޤައުމަށް އިތުރު ކުރިއެރުމާއި ތަމައްދުން، މާތްﷲ މިންވަރު ކުރެއްވުން އެދި އެކަމަނާ ވަނީ ދުއާ ދަންނަވައިފަ އެވެ.
މިއަދު ފާހަގަ ކުރަމުން މި ގެންދަނީ ރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހެވެ. އެންމެ ފުރަތަމަ ރާއްޖެ ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެފައި ވަނީ 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އޭގެ ހަތް މަސް ދުވަސް ފަހުން، ފުރަތަމަ ޖުމްހޫރިއްޔާ ނިމި، އަނެއްކާ ވެސް ރާއްޖެ ބަދަލުވީ ރަސްކަމުގެ ނިޒާމަކަށެވެ.
ރަސްކަމުގެ ނިޒާމަކަށް ބަދަލުވިތާ 14 އަހަރު ފަހުން، އަނެއްކާ ވެސް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްފައި އެވެ. ރާއްޖޭގެ ދެ ވަަނ ޖުމްހޫރިއްޔާ ފެށުނީ 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރާ ރައީސުން ވެރިކަމުގެ ހުވާ ކުރައްވަމުން ގެންދެވީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ނަމަވެސް، 2013 ވަަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމާ އެކު، އަލުން ފުރަތަމަ ބުރު ބާއްވަން ޖެހި، އެ ފަހަރު އިންތިޚާބުވި ރައީސަށް ހުވާ ކުރެއްވުނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
އޭގެ ފަހުން މިހާރު ރާއްޖޭގެ ވެރިކަަމަށް އިންތިޚާބުވާ ރައީސުން ހުވާ ކުރައްވަމުން ގެންދަވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް