Article Top
ޚަބަރު •

ޖުމްހޫރީ ދުވަހުގެ ތަޙުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޖުމްހޫރީ ދުވަހުގެ ތަޙުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

2025 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަޙުނިޔާ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފޮނުއްވައިފި އެވެ.

ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.

މިއަދު ފާހަގަ ކުރަމުން މި ގެންދަނީ ރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހެވެ. އެންމެ ފުރަތަމަ ރާއްޖެ ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެފައި ވަނީ 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހު އެވެ. އޭގެ ހަތް މަސް ދުވަސް ފަހުން، ފުރަތަމަ ޖުމްހޫރިއްޔާ ނިމި، އަނެއްކާ ވެސް ރާއްޖެ ބަދަލުވީ ރަސްކަމުގެ ނިޒާމަކަށެވެ.

ރަސްކަމުގެ ނިޒާމަކަށް ބަދަލުވިތާ 14 އަހަރު ފަހުން، އަނެއްކާ ވެސް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްފައި އެވެ. ރާއްޖޭގެ ދެ ވަަނ ޖުމްހޫރިއްޔާ ފެށުނީ 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރާ ރައީސުން ވެރިކަމުގެ ހުވާ ކުރައްވަމުން ގެންދެވީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ނަމަވެސް، 2013 ވަަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމާ އެކު، އަލުން ފުރަތަމަ ބުރު ބާއްވަން ޖެހި، އެ ފަހަރު އިންތިޚާބުވި ރައީސަށް ހުވާ ކުރެއްވުނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މިހާރު ރާއްޖޭގެ ވެރިކަަމަށް އިންތިޚާބުވާ ރައީސުން ހުވާ ކުރައްވަމުން ގެންދަވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް